އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް19 ގެ ސަބަބުން އާމްދަނީ އަށް އަސަރުކުރި މީހުންނަށް މާލީ އެހީ ދިނުމުގެ ތިންވަނަ ބުރެއް ކުރިއަށް ގެންދިއުމަށް ނިންމާ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުުނީ އެ މިނިސްޓްރީ އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރިޖެކްޓގެ ތިން ވަނަ ބުރެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ މި އެހީގެ ޕްރޮގްރާމްގައި އެހީ ދޭ ދާއިރާތަކަކީ ބިއުޓީ އަދި މޭކަޕް، ފޮޓޯ އަދި ވީޑިއޯ ނެގުން، އަތްތެރި މަސައްކަތް، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ފެހުން އަދި ޓެކްސްޓައިލްގެ މަސައްކަތުގެ އިތުރުން ކުޅިވަރު އަދި ފިޓްނަސް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާލީ އެހީ ދިނުމުގެ ތިންވަނަ ބުރުގައި 500 ފުރުސަތު ހުޅުވާލާފައިވާ ކަމަށާ އެހީގެ ގޮތުގައި 60،000 ހަމައަށް ފައިސާ ދޭނެކަމަށެވެ. ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި 80 ޕަސެންޓާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުުނީ މަލީ އެހީ ހޯދުމަށް އެދި ކުރިމަތިލާ ފަރާތަކީ މި ދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭ ކަމަށެވެ. އަދި ފޯމު ހުށަހެޅުމާ ހަމައަށް ފާއިތުވެދިޔަ އެއް މަސްދުވަހު މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ހިމެނޭއިރު ވަޒީފާއެއް އަދާކުރާ ނަމަ، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މާލީ އެހީއަށް އެދި ފޯމު ހުށަހެޅަންޖެހޭ އެންމެ ފަހު ތާރީހަކީ މެއި 31، 2023 އެވެ.