ގދ. ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމުގެ ފުރުސަތު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ހުޅުވާލައިފިއެވެ.

އެ ކުންފުނިން އެ ކަމަށް ހުޅުވާލައި ނެރުނު އިއުލާންގައި ބުނެފައި ވަނީ، ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި މިމަހުގެ 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށެވެ.

އަދި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޖުމްލަ 18 ބިމެއް ދޫކުރަން އެ ކުންފުނިން ނިންމާފައި ވާއިރު އެ ކަމަށް ކުރިމަތި ލާން އެދޭ ފަރާތެއް ނަމަ ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ އެދެފައެވެ.

އެ ސަރަހައްދުގައި ގެސްޓް ހައުސް ހެދުމަށް ދޫކުރުމަށް ނިންމާފައިވާ ބިމުގެ ބޮޑުމިނަކީ 10،000 އަކަފޫޓެވެ. އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރި ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެމްޓީސީސީން ތަރައްގީ ކުރި ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކަށްވާއިރު އެތަނުގައި 1200 މީޓަރުގެ ރަންވޭ އެއްވެސް ވަނީ ގާއިމުކޮށްފައެވެ.