ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގަން ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާއެކު ސޮއިކުރި އެއްބަސްވުން އުވާލުމާ ގުޅިގެން އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން ޖެހުނު ކަން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ސްޕާ ސްޕެޝަލިޓީ ފެންވަރުގެ ހިދުމަތްތައް ދިނުމަށް އެކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ ޖޫން 20، 2017 ގައެވެ. ނަމަވެސް އެއްބަސްވެފައިވާ ޓައިމްލައިނާ އެއްގޮތަށް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން އަދި އެންއައިއައިގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކެއް ހައްލު ނުވުމުގެ ސަބަބުން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ހިންގުން އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

އެ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފައެވެ.

އޮޑިޓް އޮފީހުން ނެރުނު އެސެސްމަންޓް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގައި އެންއައިއައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި ދުވަސްވަރު އެ ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި، ހިދުމަތުގެއަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 157 ބިލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅާފައިވެއެވެ.

މި ބިލްތަކުގެ ޖުމުލަ އަގަކީ 1.9 މިލިއަން ރުފިޔާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެ 157 ބިލުގެ ތެރެއިން 127 ބިލުގައިވާ 1.7 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބުނުކަން ލިޔެކިއުމުން އެނގެން ހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް ހިންގުން ހަވާލުކުރުމަށް ހެލްތު މިނިސްޓްރީއާއި އެންއައިއައިއާ ދެމެދު ސޮއިކުރި އެއްބަސްވުން އުވާލުމަށް ހެދި ސެޓުލްމަންޓް އެގްރިމަންޓުގެ ދަށުން އެކުންފުންޏަށް ސަރުކާރުން ދިން މާލީ ބަދަލުގެ ތެރޭގައި އެކުންފުނިން ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ނަމުގައި އެއްވެސް ފައިސާއެއް ހިމަނާފައިނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އަދި އެހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދެއްކުމާގުޅޭ ގޮތުން އަމަލުކުރަންވީ ގޮތެއް މިނިސްޓްރީއާއި އެންއައިއައި އާ ދެމެދު ސޮއިކުރި ސެޓްލްމެންޓް އެގްރިމެންޓްގައި ބަޔާންކޮށްފައިނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި އެ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިއައިގެ މަތިން ކެނޑިފައިވާތީ، ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ޖެހޭނީ ހެލްތް މިނިސްޓްރީ އަށް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އޮޑިޓު އޮފީހުން ވަނީ މުސްތަގްބަލުގައި ހަދާ މިފަދަ ސެޓްލްމެންޓް އެގްރިމެންޓްތަކުގައި، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުންނަ ފައިސާ ދެއްކުމުގައި ޒިންމާވާ ފަރާތް ބަޔާންކޮށް އެފަދަ ފައިސާ ދެއްކުމުގައި އަމަލުކުރާނެ ގޮތް ސާފުކޮށް އެގްރިމެންޓްތަކުގައި ބަޔާންކުރަން ޖެހޭނެ ކަމަށެވެ.