މާލޭ ސިޓީ ކައުންސިލަށް ހަދިޔާގެ ގޮތުގައި ލިބުނު ކާށިން 5475 ކާށި ފާއިތުވި ދެ ދުވަހު ބަހައިފިއެވެ.
މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ބްރަދާސްގެ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ކައުންސިލަށް ހަދިޔާ ކުރި 15،000 ކާށީ ބެހުމުގެ މަސައްކަތް މިދިޔަ އަންގާރާ ދުވަހު ފަށާފައި ވާއިރު އެ ދުވަހު 415 ކާށި ބަހާފައި ވެއެވެ. އަދި އިއްޔެވެސް 5060 ކާށި ވަނީ ކައުންސިލުން ބަހާފައެވެ.
ކާށި ބަހާ ރޭޓުގެ އިތުރުން ބަހަމުންދާނެ ގޮތަށް ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީގެ ކުރިން 5 ކާށީގެ ރޭޓުން ބަހަމުން ގެންދިޔަ ނަމަވެސް މިހާރު އެ ރޭޓު ވަނީ 10 ކާއްޓަށް ބަދަލު ކޮށްފައެވެ.
މީގެ އިތުރުން ކުރިން ކައުންސިލުން ކާށި ބެހުމަށް ނިންމާފައި ވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެއާ ހިލާފަށް އިއްޔެ ބޭއްވި ޖަލްސާގައި ނިންމާފައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިބި މީހުންނަށް ހާއްސަ ކުރުމަށް ފަހު މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.
ކާށި ބެހުން ކުރިއަށް ދަނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ގައި ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް، އަދި ރޭގަނޑު 9:30 އިން 11:30 އަށް ކާށި ބަހަމުން ދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.
ކާށި ބަލައި އަންނައިރު، ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހެއް ނަމަ، އެ ދަފްތަރުގައި ހިމެނޭ މީހެއްކަން އަންގައިދޭ ލިޔުމެއް، އަދި އާންމު މީހެއް ނަމަ އައިޑީކާޑު ގެނައުމަށް ކައުންސިލުން އެދެއެވެ.
ކުރިއާ އަޅާ ބަލާއިރު މިރޯދަމަހު ކާށި ކިލޯއެއްގެ އަގު ވަނީ 80ރ އިން މައްޗަށް އަރައިފައެވެ. ނަމަވެސް މިފަހުން އެސްޓީއޯއިން ގެނައި ކާށި ޝިޕްމަންޓަކާ އެކު އަގުތައް 12ރ އަށް ވެއްޓުނެވެ.