ނޫސްވެރިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުރިހަމަ ތަހުގީގެއް ކުރުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން އެފަދަ މައްސަލަތަށް ބެލުމަށް ގޮވާލާފައި ވަނީ "ދައުރު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން އެ ނޫހުގެ 2 ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްއާރްސީއެމްއިން ބުނީ ނޫސްވެރިންނަކީ މުޖުތަމައުގައި ހިނގާ ކަންކަމާ ގުޅޭގޮތުން އަދާ ހަމަ މައުލޫމާތު އާންމުންނާ ހަމައަށް ގެނެސްދޭ ބަޔަކަށްވާއިރު މަސައްކަތުގެ ތެރެއިން ނޫސްވެރިންނަށް ހާއްސަ ރައްކާތެރި ކަމެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމުގައެވެ.

މީގެއިތުރަށް މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަންކަން ނުކުރުމަށް އާންމުންނަށް އެ ކޮމިޝަނުންވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިނިވަންކަމާއި ކަރާމަތްތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ނޫސްވެރިންނަށް ކަށަވަރުކޮށްދިނުމަށް މުއައްސަސާތަކާއި އެންމެހާ ފަރާތްތަކަށްވެސް އެ ކޮމިޝަނުން އިލްތިމާސް ކުރެއެވެ.

ދިވެހި ގާނޫނޫ އަސާސީގައި ނޫސްވެރިކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން ހަބަރާއި މައުލޫމާތު ފެތުރުމާ ޝާއިއު ކުރުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދޭކަން އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ކުށްވެރިކޮށް އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ތަހުގީގު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ގޮވާލާފައެވެ.