މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ތިން ވަނަ އަދި ހަތަރު ވަނަ މެޗު މިރޭ ކުޅޭ އިރު އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ނިކުންނާނީ އިންގްލޭންޑްގެ ޗެލްސީއާ ދެކޮޅަށެވެ.
ރިއާލްގެ ދަނޑުގައި ކުޅޭ މިމެޗަށް އެޓީމު ނިކުންނަ އިރު މިދިޔަ ސީޒަންގެ ކުއާޓާގައި ވެސް މި ދެޓީމު ވާދަ ކުރިއެވެ. ދެ ލެގަށް ބަހާލައިގެން ކުޅުނު އެޓައި 5-4 ގެ އެގްރިގޭޓުން ކާމިޔާބުކުރީ ރިއާލްއެވެ.
މިރޭގެ މެޗުގެ ކުރިން ރިއާލް އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު އެޓީމުން ވަނީ މި ތިން މެޗުގައި ޖުމްލަ 12 ގޯލު ޖަހާފައެވެ.
މިއާ ހިލާފަށް މި ސީޒަންގައި ތިން ވަނަ ކޯޗު ކަމުގެ ދަށުން ކުޅެން ނިކުންނަ ޗެލްސީ އޮތީ ފޯމް ގެއްލިފައެވެ. މި ގޮތުން، އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އިރު އަނެއް މެޗުން ވީ އެއްވަރެވެ.
މި ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ދެން ކުޅޭނީ އިޓަލީގެ ލީގުގެ އެއް ވަނައިގައި އޮތް ނަޕޮލީއާއި އެ ލީގުގެ ހަތަރު ވަނައިގައި އޮތް އޭސީ މިލާނެވެ.
މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޮލީގެ ފޯމަށް ބަލާ އިރު އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗަުން ވަނީ ބަލިވެފައެވެ. ބަލިވެފައިވަނީ ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިންނެވެ.
އެހެން ނަމަވެސް އޭސީ މިލާނުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އަނެއް މެޗުތަކުގެ ތެރެއިން އެއް މެޗުން ބަލިވި އިރު އަނެއް މެޗުން ވީ އެއްވަރެވެ.
މި ދެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މެންދަމު 12 ޖަހާ އިރެވެ.