ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ ބައިވެރިވުން ލިބިއްޖެނަމަ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރެވިގެން ދާނެކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފު ވަނީ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދަނީ ޔޫތު މިނިސްޓްރީން އެކަނިކަމަށެވެ. ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުންކަން ފާހަގަކޮށް މަހްލޫފު ވަނީ އެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ.

މި ގޮތުން މަހްލޫފު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ބައިނަލްއަގްވާމީ ނުވަ މުބާރާތް ރާއްޖޭގައި ބޭއްވުނު ކަމަށެވެ. އަދި މިއަހަރުގެ މިހާތަަނަށް ވޮލީގެ ދެ މުބާރާތް ބޭއްވިފައި ވާކަމަށާ މި މަހުގެ ތެރޭގައި ބިލިއާޑް މުބާރާތެއްވެސް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ.

މި ގޮތުން މި މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގެ 16 ބިލިއާޑް ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތަށް މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށް މަހްލޫފު ވިދާޅުވިއެވެ. އިތުރަށް މަހްލޫފު ވިދާޅުވީ މި ހުރިހާ މުބާރާތެއްގެ ތެރެއިން، ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެން ދާ ކަމަށާ މި މުބާރާތްތަކުގެ އިތުރުން ބާއްވާ ބޮޑެތި އިވެންޓްތައް މެދުވެރިކޮށްވެސް ރާއްޖެ އިޝްތިހާރު ވަމުން ދާކަމަށެވެ.