ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައި ވާ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 52.6 މިލިއަން ރުފިޔާ ދައްކަން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ހަ މަސް ދުވަހުގެ ތެރޭގައި 52.6 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކޮށްފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުންނެވެ.
ހައިކޯޓުގެ އަމުރުގައި ވަނީ ހުކުމް ކުރިތާ ދެމަސް ދުވަސް ފަހުން ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އަމުރެއްގެ މައްސަލައިގެ ހުކުމަށް ބަލާ އެފަދަ އަމުރެއް ނެރެފާނެ ކަމަށް ތަސައްރަފު ކުރެވޭ އެއްވެސް ވާހަކައެއް އެހުކުމުގައި ބަޔާން ކޮށްފައެއް ނުވާ ކަމަށެވެ. އަދި އަމުރު ރައްދުވާ ފަރާތައް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބުމެއް ނެތި މިފަދަ ގޮތަކަށް އަމުރެއް ނެރުމަކީ ގާނޫނީ އުސޫލުތަކާއި ހިލާފު ކަމެއް ކަމުގައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ނިންމާފައި ވަނީ ރައީސް ޔާމީންގެ އަސާސީ ހައްގުތަށް ގެއްލޭ ގޮތަށްކަމަށާއި ހުކުމް ކުރިތާ ދެމަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް އެފަދަ އަމުރެއް ނެރުމަށް އެދި ދައުލަތުން ކޯޓަށް ހުށަހެޅި ނަމަވެސް މަގުބޫލު ސަބަބެއް ދައުލަތައް ދެއްކިފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ގޮތުގައި ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގުން އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި ފަނޑިޔާރު މުހައްމަދު ފައިސަލް އިންނެވިއރު ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބަނާޒު ފަހުމީއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.
ޔާމީންގެ ވަކީލުން ޔާމީން ޖަލަށް ލާން ކުރި ހުކުމް ވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އިސްތިއުނާފު ބަލާގެންފައެވެ.