މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގްތައް މިރޭ ކުޅޭ އިރު އިންގްލޭންޑްގެ މެންޗެސްޓާ ސިޓީ ނިކުންނާނީ ޖާމަނީގެ ބަޔާން މިއުނިކްއާ ދެކޮޅަށެވެ.

ސިޓީގެ ދަނޑުގައި ކުޅޭ މިމެޗަކީ 2016 ވަނަ އަހަރު ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވީ ފަހުން އޭނާ ކުރިން ކޯޗުކަން ކޮށްދިން ބަޔާން މިއުނިކްއާ ވާދަ ކުރާނެ ފުރަތަމަ މެޗެވެ. މިމެޗަށް ނިކުންނަ އިރު ސިޓީއަށް މާ ބޮޑު އިންޖަރީގެ މައްސަލައެއް ނެތެވެ. އަދި އެޓީމު އޮތީ ވެސް ވަރަށް ރަނގަޅު ފޯމެއްގައެވެ. މިގޮތުން ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ އިރު އެޓީމުން ވަނީ މި ތިން މެޗުގައި ޖުމްލަ 14 ގޯލު ޖަހާފައެވެ.

ބަޔާންއަށް ބަލާ އިރު މި ވޭތުވެދިޔަ ދެ ހަފްތާއަކީ އެ ޓީމަށް ބޮޑު ބަދަލެއް އައި ދުވަސްތަކެކެވެ. މިގޮތުން ސީޒަން ފެށި އިރު އެޓީމުގެ ކޯޗު ކަމުގައި ހުރި ޖޫލިއަން ނެގަލްސްމަން މަގާމުން ވަކިކޮށްފައިވާ އިރު ބަޔާންއިން ވަނީ މީގެ ކުރިން ޗެލްސީ އަދި ބްރޯޝިއާ ޑޯޓްމަންޑަށް ކޯޗު ކޮށްދިން ތޯމަސް ޓޫކަލް ކޯޗު ކަމަށް ހަމަ ޖައްސާފައެވެ.

ބަޔާންގެ އާ ކޯޗު ތޯމަސް ޓޫކަލް/ފޮޓޯ: ލައިވްސްކޯ

ޓޫކަލް އަކީ 2021 ވަނަ އަހަރު ޗެލްސީއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗެވެ. އެފަހަރުގެ ފައިނަލްގައި ޓުކަލްގެ ކޯޗު ކަމުގައި ޗެލްސީ 1-0 އިން ބަލި ކުރީ ގާޑިއޯލާގެ ސިޓީއެވެ.

މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ދެން ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާއި އިޓަލީގެ އިންޓާ މިލާނެވެ. ބެންފީކާގެ ދަނޑުގައި މިމެޗު ކުޅޭ އިރު މިމެޗުގެ ކުރިން ބެންފީކާގެ ފޯމް ރަނގަޅެވެ. މިގޮތުން އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބެންފީކާ ވަނީ މޮޅުވެފައެވެ.

އިޓާއަށް ބަލާ އިރު އެޓީމުގެ ފޯމް މާ ރަނގަޅެއް ނޫނެވެ. މި ގޮތުން އިންޓާއިން އެންމެ -ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވީ އިރު އަނެއް މެޗުން އެޓީމު ވީ ބައްޔެވެ.

މިރޭގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.