އެމްޑީޕީން 18 އަހަރު ވަންދެން މަސައްކަތް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވެރިކަން ހޯދާ ދިނުމަށް ނޫންކަމަށާ އެ ޕާޓީން ފާއިތުވި ދުވަސްތަކުގައި މަސައްކަތްކުރީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ސިޔާމާއި ހިލްޓަންގެ މައްސަލައާ ގުޅުވައި ދައުރުގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން އެ އާޓިކަލް ލިޔުނު ނޫސްވެރިޔާ އާއި އެޑިޓަރަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ. އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހް އާ އެކު ސިޔާމް ކޯލިޝަން ހެދި ހިސާބުން ކޯޓުގައި އެތައް ދުވަހެއްވީ މައްސަލައެއް އޭނާ އާ އެއްކޮޅަށް ނިމިފައިވާ ކަމަށެވެ. އަދި އެ ވާހަކަ ލިޔުނު ނޫސްވެރިޔާއަށް މަރުގެ އިންޒާރު ދިނުމަކީ އިއްތިފާގެއް ނޫންކަން ފާހަގަކޮށް އީވާ ވިދާޅުވީ މިނިވަން ދައުލަތެއް ނެގެހެއްޓުމަށް ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަކީ ހަމައެކަނި ނޫސްވެރިން ޖަލަށް ނުލުން ނޫން ކަމަށެވެ.
ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަކަށް ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި، އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ދަށަށް ހިނގައްޖެކަމަށެވެ. އަދި މިއީ އެމްޑީޕީގެ ނަމުގައި ކުރާ ވެރިކަމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިވާ ވިދާޅުވިއެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ ކޯލިޝަންގެ ޕާޓްނަރުން މާ މުހިއްމުވެގެން ނޫސްވެރިންނަށް ދެމުންދާ އިންޒާރު ނުބެލި ގޮސްގެން ނުވާނެކަމަށެވެ. ނޫސްވެރިންނަށް ދެމުންދާ އިންޒާރުތައް ނުބެލުމުގެ ހިތިނަތީޖާ ވަރަށް ކައިރި މާޒީއިން ފެންނަން އޮތްކަން ފާހަގަކޮށް އީވާ ވަނީ ނޫސްވެރިޔާ ރިޟްވާން އާއި ޔާމީންއަށް ދިމާވި ހާދިސާއިން މިސާލު ޖައްސަވާފައެވެ.