ތެލުގޫ ތަރި އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާގެ މޮޅު ހުނަރު ފެނިގެން ދިޔަ ފިލްމު 'ޕުޝްޕާ' އަކީ 2021 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. މިފިލްމު ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް އަދި ކަންނަޑާ ބަހުން ވެސް ނެރެފައި ވާއިރު މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ 'ޕުޝްޕާ: ދަ ރޫލް' އަށެވެ.

މިދިޔަ ހުކުރު ދުވަހު މި ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު ޓްރެއިލާ ދައްކާލާފައި ވާއިރު ދެ ދުވަހުގެ ތެރޭގައި 23 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މިފިލްމުގެ ޓްރައިލާ ބަލާފައެވެ. މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި އަރުޖުން ފެނިގެން ދަނީ ސާޅީ އާއި އެކު ގަހަނާތައް އަޅާފައި ހުއްޓައެވެ. ''ޕުޝްޕާ: ދަ ރޫލް'ގެ ފުރަތަމަ ޕޯސްޓަރުންވެސް ފިލްމުގެ ތަފާތު އެނގިގެންދެއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ސުކްމާރު އުފެއްދި 'ޕުޝްޕާ' އަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ މަސައްކަތް ކުރަމުން ދާ ބަޔަކު އެ ވިޔަފާރިފުޅާކޮށް މުޅި އެ ވިޔަފާރީގެ ބާރު ހޯދާގޮތެވެ. އަދި އެ ވިޔަފާރީގައި އުޅެމުން ދަނިކޮށް ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ ސްރިވައްލީ ދެކެ ޕުޝްޕާ ލޯބިވެ އެ ލޯބި ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ފެނިގެން ދެއެވެ.

މި ފިލްމުގެ ދެވަނަ ބައިގައި ޖަލުން ފިލަން އުޅުމުގެ ތެރޭގައި ޕުޝްޕާއަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދޭ މަންޒަރާއި އެ ޒަހަމްތަކާއެކުވެސް އޭނާ ޖަލުން ފިލާ މަންޒަރު ޓްރައިލާގައި ފެނިގެން ދެއެވެ. އަދި އޭނާ ހޯދުމަށް ޖަންގަލީގެ އެކި ހިސާބުތައް ފުލުހުން ބަލަމުން އަންނައިރު ފުލުހުންގެ އަތުގައި ޖެހެނީ ލެއިން ތަތްތެޅިފައިވާ ޕުޝްޕާގެ ގަމީހެވެ. ޕުޝްޕާގެ މަރުގެ ހަބަރާއެކު އޭނާ ދިރިއުޅެމުން ދިޔަ ސަރަހައްދުގެ މީހުންނަށް ބޮޑު ހިތާމައެއް ލިބި އޭނާއަށް ތާއިދުކުރާ ފަރާތްތަކުން މަގުމައްޗަށް ނިކުމެ ތަންތަނުގައި ހުޅުޖަހާ މުޅި އެ ސަރަހައްދު ހަލަބޮލިކޮށްލައެވެ.

https://www.youtube.com/watch?v=Xcw4dkILsmk

ޕުޝްޕާގެ މަރާއެކު ޕޮލިހުންނަށް ގިނަ ޕްރެޝަރުތަކެއް އަންނައިރު ޕުޝްޕާ ނަހަމަގޮތުގައި ހޯދާ ފައިސާއިން އެހީވަމުންދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކަމަށް ބުނެ ގިނަ ބަޔަކު ޕޮލިހުންނާ ދެކޮޅަށް ނިކުމެއެވެ. އެއްމަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ދާ ހަމަނުޖެހުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދާއިރު ބައެއް މީހުން ގަބޫލުކުރާ ގޮތުން ޕުޝްޕާ މަރެއް ނުވެއެވެ. އަދި އޭނާ ފުލުުހުންނަށް ފިލައިގެން ޖަޕާން، މެލޭޝިއާ ނުވަތަ ޗައިނާގައިކަމަށް ބުނަމުން ދަނިކޮށް ދެން ފެނިގެންދަނީ ޕުޝްޕާ އޭނާގެ ސްޓައިލްގައި އެނބުރި އަންނަ ގޮތެވެ.

'ޕުޝްޕާ'ގެ ފުރަތަމަ ފިލްމަށްވެސް ބޮކްސް އޮފީހުގައި 350 އައީ 373 ކްރޯޑް ރުޕީސްއާއި ދެމެދުގެ އާމްދަނީއެއް ލިބުނުއިރު 'ޕުޝްޕާ: ދަ ރޫލް' އަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް އަދިވެސް ޝޫޓްކުރަމުން އަންނައިރު، ފިލްމު ރިލީޒް ކުރެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރު ޑިސެމްބަރު މަސް ނުވަތަ އަންނަ އަހަރު ކުރީކޮޅުގައެވެ.