މާތް ވެގެންވާ ރޯދަމަހަކީ މުސްލިމް އަޅުތަކުން ގިނައިން އަޅުކަމުގައި މަސްއޫލުވެގެން އުޅޭ މައްސަރަކަށްވާ އިރު އެމަހެއްގައި މާތް ﷲ ތައާލާ ބާވާލެއްވި ކީރިތި ޤުރުއާން ކިޔެވުމަކީ މުސްލިމުން އެންމެ ގިނައިން ކުރާ އެއް އަޅުކަމެވެ.

ކޮންމެ ނަމާދަކަށް ފަހު އެއް ސަފްހާ ކިޔާލާ ނުވަތަ ލިބޭ ކޮންމެ ހުސް ވަގުތުކޮޅެއްގައި ވެސް ގުރުއާން އެޕް ހުޅުވާލައިގެން ކިޔަވާލާ މީހުން މަދެއް ނުވާނެއެވެ. އަޅުކަމުގެ މައްސަރުގައި މިއުއްމަތަށް އަލި ނޫރެއް ކަމުގައި ލެއްވި ފޮތުން ހިދާޔަތް ލިބެން ނޭދެނެ އަޅެއް ނެތެވެ.

އެހެން ނަމަވެސް ސުވާލަކީ ހަފްތާއަކުން ހަތިމެއް ނުވަތަ ތިން ދުވަހުން ހަތިމެއް ކޮށްގެން ކީރިތި ޤުރުއާނުގައި އައިސްފައިވާ އެކި އެކި ވާހަކަތަކުން ފިލާވަޅު ލިބޭނެ ތޯއެވެ. ނޫން ނަމަ އެންމެ ރަނގަޅު ގޮތަކީ ކީރިތި ޤުރުއާނުގައި ވާ އެއްޗެއް އެނގޭނެހެން އޭނގެ ތަރުޖަމާ ކިއުންތޯއެވެ.

މިއީ އަދުގެ އިލްމުވެރިންގެ ހިޔާލު ތަފާތުވާ ކަމެކެވެ. މިގޮތުން، ކީރިތި ޤުރުއާނު ގިނައިން ކިޔުމަށް ވުރެ އައުލާކަން ބޮޑީ އޭގައިވާ އެއްޗެއް ފަހުމްވުން ކަމަށް ބައެއް އިލްމުވެރިން އިއްތިފާގުވާ އިރު އަނެއް ބައި އިލްމުވެރިން ވިދާޅުވަނީ ޤުރުއާން ގިނައިން ކިޔައިގެން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޤުރުއާން ގިނަ ގިނައިން ކިޔެވުމަކީ ފައިދާ ހުރި ކަމެއް

ސައްޔިދުނާ އަބޫ ސައީދު ޚުދްރީގެ ކިބައިން ރިވާ ވެގެން އައިސްފައިވާ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަދީޘެއްގައި ވަނީ އާދަޔާ ހިލާފަށް ގިނައިން ޤުރުއާން ކިޔެވުމުގެ ސަބަބުން މާތް ﷲ އަށް ޒިކުރުކޮށް ދުއާ ކުރާނެ ވަގުތު ނުވާ މީހަކަށް އެކަލާނގެއަށް ޒިކުރު ކޮށް ދުއާ ކުރާ މީހުންނަށް ވުރެ މާ ގިނައިން ﷲ ތައާލާ އެމީހަކަށް އެކަލާނގެ ރަހްމަތްތަކާއި ނިއުމަތްތައް ދެއްވާނެއެވެ. (ތިރްމިދީ)

މީހަކު ޤްުރުއާން ކިޔަވަނީ

މީގެ އިތުރުން ސައްޔިދުނާ އިބްނު މަސްއޫދު ރިވާ ކުރެއްވި ހަދީޘެއްގައި ﷲ ގެ ރަސޫލާ ވިދާޅުވީ، ކީރިތި ޤުރުއާނުން ކޮންމެ އަކުރެއް ކިޔައިފި މީހަކަށް އެއް ސަވާބު ލިބިގެންވާނެއެވެ. އަދި މި އެއް ސަވާބު ދިހަ އަކުން ގުނަކުރެވޭނެއެވެ. މާތް ރަސޫލާ އިތުރަށް ހަދީޘް ކުރެއްވީ އަލިފް ލާމް މީމް އަކީ އެއް އަކުރު ނޫން ކަމަށާއި އަލިފަކީ އެއް އަކުރު، ލާމް އަކީ އެއް އަކުރު އަދި މީމް އަކީ އެއް އަކުރު ކަމަށެވެ.

ރަސޫލާގެ މި ހަދީޘްތަކުން އެނގޭ ގޮތުން ކީރިތީ ޤުރުއާނު ގިނައިން ކިޔަވާ މީހަކަށް ގެއްލުމެއް ނެތެވެ. އަދި އެކަމަކީ ގިނައިން ސަވާބު ހޯދާ މާތް ރަސްކަލާނގެ ނިއުމަތްތައް ގިނައިން ހޯދޭނެ އަލި މަގެކެވެ. ރަސޫލާގެ ހަދީޘްގެ އިތުރުން ހުދު ކީރިތި ޤުރުއާނުގައި ވެސް އެފޮތުގެ އާޔަތްތައް ކިޔަވާ ހެދުމަށް ރަސޫލާ އަށާއި އެކަލޭނގެފާނުގެ އުއްމަތަށް ގޮވާލައެވެ.

ޤުރުއާންގެ މާނަ އެނގުމުން ލިބޭ ފައިދާ ބޮޑު

114 ސޫރަތުގެ މައްޗަށް އޮތް 6،235 އާޔަތް ހިމެނޭ ކީރިތި ޤުރުއާނަކީ ކުރީގެ ރަސޫލުންގެ ވާހަކަތަކާއި ކުރިން ފޮނުވި އުއްމަތްތަކަށް ދިން ފިލާވަޅުތަކާއި ކާއިނާތުގެ ފޮރުވިފައިވާ އެކި ކަންކަމާއި ދީނުގެ ހުކުމްތައް ކަނޑައެޅިގެން އައިސްފައިވާ ގޮތްތައް ބަޔާންކޮށް ދޭ މާތް ﷲ ތައާލާގެ ސީދާ ބަސްފުޅެވެ.

ގިޔާމަތާ ހަމައަށް ދާންދެން މުސްލިމް އުއްމަތަށް ދަންމަރެއްގެ ގޮތުގައިވާ މި ފޮތުގައިވާ ފިލާވަޅުތަކުން ފައިދާ އެންމެ ރަނގަޅަށް ލިބޭނީ އޭގައިވާ އެއްޗެއް ފަހުމް ވެގެންނެވެ.

ކީރިތި ޤުރުއާން ދަސްކުރުމާ ބެހޭ ގޮތުން ވެސް މާތް ރަސޫލާގެ އެކި ހަދީޘްތައް އެބަހުއްޓެވެ. މިގޮތުން ސައްޔިދުނާ އަބޫ ދާރް ރިވާ ކުރެއްވި ހަދީޘެއްގައި ރަސޫލާ އެކަލޭނގެފާނަށް ވިދާޅުވިއެވެ.

"އޭ އަބޫ ދާރް އެވެ. ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއް ދަސްކުރުމުން ނަމާދުގެ ސަތޭކަ ރަކުއަތް ކޮށްގެން ނުލިބޭ ވަރަށް ސަވާބު ލިބޭ ހުށިކަމެވެ. އަދި އެއިން އެއް ބާބް ދަސްކޮށްފި މީހާއަށް އެއް ހާސް ރަކުއަތުގެ ސަވާބު ލިބޭ ހުށިކަމެވެ." (ސޫނާން އިބްން މަޖަހް)

މިހާރު ކީރިތި ޤްރުއާނުގެ ބައިތައް ވަނީ 114 ބަހަށް ތަރުޖަމާ ކޮށްފައި

ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް 114 ބަހަކަށް ތަރުޖަމާކޮށްފައިވާ އިރު މުޅި ޤުރުއާން 47 ބަހަކަށް ވަނީ ތަރުޖަމާ ކޮށްފައެވެ. އިލްމުވެރިން ދެކޭ ގޮތުގައިި މި ތަރުޖަމާތަކަކީ މާތް ﷲ ގެ ސީދާ ބަސްފުޅަށް ނުވާ އިރު މި ތަރުޖަމާތައް ކިޔައިގެން ޤުރުއާން ކިޔަވައިގެން ލިބޭ ސަވާބެއް ނުލިބޭނެއެވެ.

އެހެން ނަމަވެސް ޤުރުއާންގެ ތަރުޖަމާ ކިޔައިގެން ލިބޭ ފައިދާތައް ގިނަ އިރު ޤުރުއާނާ މެދު މީސްތަކުން ވިސްނާ ފިކުރުކުރުމަށް އެފޮތުގައި މާތް ﷲ ތައާލާ ގޮވާލައްވައެވެ.

މި ގޮތުން ސޫރަތުލް މުހަައްމަދުގެ 24 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރެއްވިއެވެ.

"ފަހެ ޤުރުއާނާ މެދު އެއުރެން ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ އެއުރެންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައި ވަނީ ހެއްޔެވެ؟

ވިސްނަންވީ ކަމަކީ ކީރިތި ޤުރުއާން ކިޔެވި ނަމަވެސް އޭގެ ތަރުޖަމާ ކިޔެވި ނަމަވެސް ދުވާލުގެ ކޮންމެވެސް އެއް ގަޑިއެއް އެކަމަށް ހުސްކުރަން މުހިއްމު ކަމެވެ. އަދި މީގެ ކޮންމެ ކަމަކުން ވެސް ލިބޭ ޘަވާބާއި ދަރުމަ އެތަށް ގުނައަކަށް އަރާ އިރު ކީރިތި ޤުރުއާނާ ދުރުވެއްޖެނަމަ އަޅުގަނޑުމެންގެ އަގިދާ ބަލިކަށިވެ އަޅުކަންތަކާ ދުރުވެއެވެ.