މާދަމާއިން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މި މަހުގެ 11 ވާ އަންގާރަ ދުވަހުން ފެށިގެން 29 ވާ ހޮނިހިރު ދުވަހާ ހަމައަށް ހުޅުވާލާނެކަމަށެވެ. މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށެވެ.

މާލޭގައި ގޮވާމުގެ ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލާ ސަލާހުއްދީން ސްކޫލުގެ ހޯލުގައެވެ. ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށެވެ. އަދި މެންދުރުފަހު 13:00 އިން 15:15 ގެ އިތުރުން ރޭގަނޑު 21:00އިން 22:30އަށް ވެސް ގޮވާމުގެ ބަވާތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެއެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.