މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އޭނާގެ ހަ އަހަރު ދުވަސްވީ ލޯބިވެރިޔާ އެކްޓަރު ޖޯ އަލްވީން އާ ވަކިވެއްޖެއެވެ.

ކައިވެނިކުރަން އުޅޭކަމުގެ އަޑުތައްވެސް މީގެ ކުރިން ފެތުރުނު އިރު ދެތަރިން ރުޅިވިކަން މީޑިއާތަކުގައި ދެކެވެމުން އައި ނަމަވެސް ދެތަރިން ކުރެ އެކަކުވެސް އެކަމާ ގުޅޭގޮތުން ކޮމެންޓް ކޮށްފައެއް ނުވެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ސިއްރިއްޔާތުގައި ގެންގުޅޭ ޓޭލާ އާއި ވަރަށް ގާތް މީހަކު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އަލްވީން އާއި ޓޭލާ ވަކިވާން ނިންމީ ދެމީހުންވެސް ވާހަކަދައްކައިގެން އެކަމަށް އެއްބަސްވެގެން ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދެމީހުންވެސް ދައްކަން ބޭނުންނުވާ ކަމަށާއި މިވަގުތު ދެމީހުންވެސް ބޭނުންވަނީ ޕްރައިވަސީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލްވީން އާއި ޓޭލާ އެންމެ ފުރަތަމަ ދިމާވެފައިވަނީ 2016 ވަނަ އަހަރުގެ މެޓް ގާލާ ތެރެއިންނެވެ. ގާލާ އިން ދެމީހުން އިތުރަށް ގާތްވެ. އެކުވެރިވެ ދެމީހުން އޭގެ އަނެއް އަހަރު ލޯބީގެ ގޮތުން ގުޅުނެވެ. އޭރުވެސް މީޑިއާތަކުގައި އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ. އެކަމާ ގުޅޭގޮތުން ޓޭލާ އާއި ސުވާލުކުރުމަށް ސީދާ ޖަވާބެއް އައިސްފައެއް ނުވެއެވެ. އެކްޓަރު ޖޯ އަލްވީން އާއި ސުވާލުކުރުމުން އޭނާ ބުނީ އެއީ އެމީހެއްގެ އަމިއްލަ ޒާތީ ކަންތައްތައް ކަމަށާއި އެހެންވެ އެކަމާ މެދު މީހަކަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްގު ނޯންނާނެ ކަމަށެވެ. އަދި ދެމީހެއްގެ ގުޅުމުގެ ވާހަކަ އާންމު ތަންތަނުގައި ދައްކައި އުޅުމަކީ އޭނާ އެއްއިރެއްގައި ވެސް ކުރި ކަމެއް ނޫންކަމަށެވެ.

ޖުމްލަ 46 ނޮމިނޭޝަންތަކުން 12 ގްރެމީ އަތުގައި މިވަގުތު އޮތް ޓެއިލާ އަކީ މިވަގުތު ހުރި އެންމެ މޮޅު ލަވަކިޔުންތެރިންތަކުގެ ތެރެއިން އެކެކެވެ.