އިއްޔެގެ ވަގުތެއްގައި ކުޑަ 2 ދަރިންނާއެކު ގެއިން ނެރެލި މަންމައަށް ވަގުތީ އެހީތެރިކަން ލިބިފައިވާ ކަމަށް މަމްސް އެއިޑުން ބުނެފިއެވެ.

ކުޑަ 2 ދަރިން (7 އަހަރުގެ އަންހެން ކުއްޖެއް އަދި 4 އަހަރުގެ ފިރިހެން ކުއްޖެއް) ގޮވައިގެން ދިރިއުޅެމުންދިޔަ އެކަނިވެރި މަޔެއް ކަމަށްވާ އެ އަންހެން މީހާ ގެއިން ނެރެލާފައިވަނީ ކުދިންގެ ބައްޕަގެ ގޭގެ ކޮޓަރިއެއްގައި ދިރިއުޅެމުން ދަނިކޮށެވެ. ގެންގުޅޭ ހުރިހާ އެއްޗަކާއެކު ކުދިންގެ ބައްޕަ އެ މީހުން މަގުމަތިކޮށްލި އިރު އެ 3 މައިން އެގޭގައި ދިރިއުޅެމުން ދިޔައީ ދިރިއުޅޭނެ އިތުރު ތަނެއް ނެތުމުންނެވެ.

މަމްސް އެއިޑުން ބުނި ގޮތުގައި ރޭގެ ދަންވަރު 12 ޖަހާކަށްހާއިރު އެ 3 މައިން މަގުމަތިވެފައިވާ ކަމުގެ މައުލޫމާތު އެ އެންޖީއޯއަށް ވަނީ ލިބިފައެވެ. އަދި އެއާއެކު މަމްސް އެއިޑުން ވަނީ އެމައިންނަށް ކާ އެއްޗެހި ފޯރުކޮށްދީފައެވެ. އާއިލާއާ ހަވާލާދީ މަމްސް އެއިޑުން ބުނީ އިއްޔެގެ ވަގުތެއްގައި ގެއިން ނެރެލުމާ ގުޅިގެން އެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެ އާއިލާ ގެންގުޅޭ އެއްޗެހީގެ ތެރެއިން މުހިންމު ބައެއްތަކެތި މިހާރު ދިރިއުޅެމުންދާ ކޮޓަރިއަށް ގެންގޮސްފައި ކަމަށް ވެސް އެ އެންޖީއޯއިން ބުނެއެވެ.

މައިންގެ އެއްޗެހިތަށް މަގުމައްޗަށް ނެރެ އުކާލާފައި / ފޮޓޯ: މަމްސް އެއިޑްaމްސްއެއިޑް

އެ އެންޖީއޯއިން އިތުރަށް ބުނީ ކުދިންގެ ބައްޕަގެ ގޭގެ ކޮޓާރީގައި އެ އާއިލާ ދިރިއުޅެމުން ދިޔައިރު އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަން ފެތުރި ލޮކްޑައުން ދުވަސްވަރު ވެސް އެ އާއިލާ ގެއިން ނެރެލާ ގެއިން ނެރެލާ އަނިޔާކުރިއިރު އޭގެފަހުން ވެސް އަންހެން މީހާ ފާހަނައިގައި އިންދާ ދަމާނެރެ މަގުމަތިކުރިއިރު އެ އަންހެން މީހާ ހުރީ ހަމައެކަނި ގައިގައި ތުވާލި އޮޅައިގެންނެވެ.

މީގެއިތުރަށް ސިޑިން ވައްޓާލި ކަމަށާއި ވަޅިން ބިރުދެއްކުމަކީ އޭނާގެ އާދައެއް ކަމަށްވާއިރު މި ކަމާ ގުޅިގެން ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް އެ އަމުރަށް އަމަލު ނުކުރާ ކަމަށް ވެސް އާއިލާއާ ހަވާލީ ދީ އެ އެންޖީއޯއިން ބުނެއެވެ. އެތައް ފަހަރެއްގެ މަތިން ފެނާއި ކަރަންޓު ކަނޑާލި ނަމަވެސް ދާނެ އިތުރު ތަނެއް ނެތުމުން އެތާނގައި އުޅުން ފިޔަވާ އިތުރު ގޮތެއް އެ އާއިލާއަށް އޭރަކު ނެތެވެ.

އެންމެ ފަހުން އެ އާއިލާ ގޭގައި ނެތް ވަގުތު ބަލާ ފިރިހެން މީހާ ގޭގެ ތަޅު ބަދަލުކޮށްފައިވާއިރު އެ ތިންމައިން ލާނެ އަންނައުނެއް، ކުދިންގެ ސުކޫލަށް ބޭނުންވާ ތަކެތި އަދި އަންނައުނު ވެސް އެ ފިރިހެން މީހާ ދީފައެއް ނުވެއެވެ. ކުދިން ސުކޫލަށް ނުފޮނުވޭތާ މިހާރު މަސް ދުވަސްވަނީ ވެފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން އާއިލާގެ މަސްލަހަތަށް ބަލަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ވެސް އެ އާއިލާއާ ހަވާލާދީ މޯމްސް އެންޖިއޯއިން ބުނެއެވެ.

އާމްދަނީ ހޯދަމުގެ ގޮތުން ރޮށި ފިހެ ވިއްކަމުން ގެންދިޔައިރު ލިބޭ އާމްދަނީއިން ދެކޮޅު ޖެހޭގޮތް އެ ކުޑަ އާއިލާއަކަށް ނުވެއެވެ. ލިބޭ އާމްދަނީގެ އެއްކޮށް ކަހަލަ ގޮތަކަށް ގޭ ކުއްޔަށް ހޭދަވާއިރު ރުފިޔާ ނެތުމުގެ ސަބަބުން ދަރިން ނުކައި ހުސްބަނޑާ ތިބޭ ދުވަސް ދުވަސް ވެސް ދެއެވެ.

އެ އަންހެން މީހާ ރޮށި ފިހަން ގެންގުޅޭ ތަކެތި/ ފޮޓޯ: މަމްސް އެއިޑް

މަމްސް އެންޖީއޯއިން މި އާއިލާއަށް އެހީފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑް ރެއިޒިންއަށް 3 ގަޑިއިރު ތެރޭގައި ބޭނުންވާ ވަރަށް ފައިސާ އަދި ތަކެތީގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށް މޯމްސް އެއިޑުން އެ ފައިސާ އަދި ތަކެތި ހަދިޔާކުރި ފަރާތްތަކަށްވަނީ ޝުކުރު އަދާކޮށްފައެވެ. އެ އެންޖީއޯއިން ބުނީ އެ ފައިސާ ހަރަދު ކުރާނީ އާއިލާ އުޅޭނެ ތަނެއް ކުއްޔަށް ހިފުމަށާއި ކުދިންގެ ސުކޫލަށް ބޭނުންވާ ތަކެތި ގަތުމަށާއި ކާބޯތަކެތި އަދި އެހެނިހެންވެސް އެ އާއިލާއަށް ބޭނުން ޖެހިފައިވާ ތަކެތި ގަތުމަށެވެ.