ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓްމްސްއިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މާޗު މަހުގެ 29 އަދި 31 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕްކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މާޗު 29 ވަނަ ދުވަހު ބަލާ ފާސްކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުން އަދި މާޗު 31 ވަނަ ދުވަހު ބަލާ ފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި 4 ދަޅަކުން ފެނުނު ތަކެތި ތަހުލީލު ކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތީގައި 1.8 ކިލޯ ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު 3،240،000 އަށް އަރާކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު މީހަކު ވެސް އަތުލައިގެންފައިވާއިރު ކަސްޓަމްސްއިން ބުނީ ވައިގެ މަގުން އަބޫދާބީން ރާއްޖެ އައި ފަތުރުވެރިއަކާ މެދު ޝައްކު ކުރެވިގެން އެ މީހާގެ ހަށިގަނޑު ބަލައި ފާސްކުރި ކަމަށެވެ.

އެގޮތުން ބޮޑީ ސްކޭން ކުރި އިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކުރެވިފައި ހުރިކަން އެނގުނު ކަމަށާއި އެ ތަކެއްޗާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަށިގަނޑުގައި ރަން ހުންނާނެ ކަމަށް އޭނާ އެއްބަސްވި ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނީ އޭނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއެކު 361 ގްރާމް ހުރި ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ،