އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ސައުތްހެމްޕްޓަން ކޮޅަށް ޖެހި ދެ ލަނޑާއެކު މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިންގް ހާލަންޑް އަނެއްކާވެސް އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.
މިސީޒަންގައި އަލަށް ސިޓީއާ ގުޅުނު ހާލަންޑް މިވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު 27 ލީގު މެޗުގައި 30 ލަނޑު ޖަހާފައެވެ. އަދި އޭނާއަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް 27 މެޗުގެ ތެރޭގައި މިއަދަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.
'ގޯލު މެޝިނެއް' ގެ ގޮތުގައި ސިފަކޮށްފައިވާ ހާލަންޑް މިސީޒަންގެ ހުރިހާ މުބާރާތެއްގައި މިވަނީ މިހާތަނަށް 44 ލަނޑު ޖަހާފައެވެ. އޭނާއަކީ މިހާތަނަށް މިއަދަދަށް ސީޒަނެއްގައި ލަނޑު ޖެހި ޕްރިމިއާ ލީގުގެ ތިން ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ރުޑް ވެން ނިސްތަރޯއީ އަދި ލިވަޕޫލްގެ މުހައްމަދު ސަލާހް ވެސް ވަނީ މި ރެކޯޑް ގާއިމުކޮށްފައެވެ.
އެހެން ނަމަވެސް ލީގުގައި ބާކީ މެޗުތައް ހުރި އިރު އެފްއޭކަޕްގެ ސެމީއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ސިޓީ ގޮސްފައިވާ އިރު ވެން ނިސްތަރޯއީ އާއި ސަލާހްގެ ރިކޯޑް ހާލަންޑް މުގުރާލާނެ ކަމަށް ބެލެވެއެވެ.
ލީގެ ތާވަލުގެ ދެވަނައިގައި އޮތް ސިޓީ ރޭ 4-1 އިން ސައުތްހެމްޕްޓަން ބަލިކުރި އިރު މިމެޗުގައި ހާލަންޑް ވަނީ ދެ ލަނޑު ޖަހާފައެވެ. މިމެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލައިނަލް މެސީ ފަދަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.
މެޗަށް ފަހު ހާލަންޑްގެ ޓީމު މޭޓް ކެވިން ޑްބްރައިނާ ބުނީ ޓީމުން އުފައްދާ ކޮންމެ ހަމަލާއެއް ނިންމާލަން ހާލަންޑް ތައްޔާރަށް ހުންނަ ކަމަށާއި އޭނާ ގޯލު ޖަހާ މިންވަރާ މެޗު އާޝޯހްވާ ކަމަށެވެ. އަދި ސިޓީއަށް ހާލަންޑް ކުޅެމުންދަނީ އުފަލާ އެކު ކަމަށާއި އޭނާގެ ޓީމް މޭޓުން ހަމަލާތައް އުފައްދަމުންދާނެ ކަން ހާލަންޑަށް އެނގޭ ކަމަށެވެ.