ކިއްސަރު ވަޑާމުގެ މަސައްކަތުން މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ ރ. އިނގުރައިދޫ މިހާރު ފާހަގަ ކޮށްލެވިފައި ވަނީ އެތައް މަޝްހޫރު ފުޓްސަލް ކުޅުންތެރިން އުފެދިފައިވާ ރަށެއްގެ ގޮތުގައެވެ. އެގޮތުން ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް އަކީ އެފަދަ ދެވަނަ އެއް ނެތް ކުޅުންތެރިއެކެވެ.

މޮޅެތި ވަޑިންތަކެއް އުޅޭ އިނގުރައިދޫއިން ބަންނަ ކޮންމެ އުޅަނދަކުންވެސް ފެންނަނީ އުފެއްދުންތެރިކަމާއި މޮޅުކަމެވެ. ހީވާގިކަމާއި އެކަމަށް ހުންނަ ޝައުގުވެރި ކަމެވެ. މިއީ މިއަދަކު އިއްޔެއަކު އެ ރަށުގައި ކުރަމުން އަންނަ މަސައްކެއްވެސް ނޫނެވެ. މީގެ ޒަމާންތަކެއް ކުރިން ފެށިގެން ކުރަމުން އަންނަ އެ މަސައްކަތަށް ދުވަހެއް ދުވަހަކަށް ޒުވާނުން އިތުރުވުމަކީ ވެސް އެ ރަށުގެ ފަހުރެކެވެ.

އެކަމާ ގުޅިގެން އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މިހާރު ވެސް އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ ކަމުގައި މިހާރު ދުވަހެއް ދުވަހަކަށް ޒުވާނުން ގިނަވަމުން ދާ ކަމަށެވެ. އަދި ކުރިއާ އަޅާބަލާފައި މިހާރުވެސް މިކަމަށް ތާއީދު ލިބޭ ކަމަށް ޖަލީލު ވިދާޅުވިއެވެ.

ބިމު އަޑީގައި ހުންނަ ޒިޔާރަތް

އިނގުރައިދޫގެ ވަލުތެރޭގެ ވަކި ހިސާބެއްގައި އަޑީގައި ޒިޔާރަތެއް ހުރި އިރު ޖަލީލު ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީ އިން އެތަން ކޮނުމަށް ހުއްދަ ނުދޭ ކަމަށެވެ. އެއީ ރަނގަޅު ޒިޔާރަތެއް ކަމަށާއި މިނިސްޓްރީގެ ޓީމުން އެ ރަށަށް ދިއުމުންވެސް އެ ބިނާ ހުރި ސަރަހައްދު ދައްކާފައި ވާނެ ކަމަށް ޖަލީލު ވިދާޅުވިއެވެ. އެ ޓީމުން އެ ސަރަހައްދު ރަނގަޅަށް ދިރާސާ ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އެ ޒިޔާރަތަކީ ގިނަ ދުވަސްވެފައި ޒިޔާރަތެއްކަން ފާހަގަ ކުރައްވާ ޖަލީލު ވިދާޅުވީ އެތަން ހުންނަން ފެށިތާ ވީ ދުވަހެއް ހަނދާން ހުންނަ މީހަކުވެސް ނޫޅޭ ކަމަށެވެ.

ރ.އިނގުރައިދޫ

އިނގުރައިދޫއަކީ ބޮޑު އާބާދީއެއް ހިމެނޭ ގޮތުން އާބާދީގައި 2094 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެ ބޮޑަށް ގިނަ ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ ބޮޑު ކަންނެލީގެ މަސްވެރިކަމުގައެވެ. އާބާދީގެ ބޮޑު ބައެއް އެ މަސައްކަތުގައި ޝާމިލު ވާއިރު ޖަލީލު ވިދާޅުވީ ގިނަ ޒުވާނުން މޮޅު ކެޔޮޅުންގެ ގޮތުގައި ތިބި ރަށަކަށް އިނގުރައިދޫ ވާނެ ކަމަށެވެ.

"ބޮޑު ކަންނެއްޔަކީ އެންމެ ގިނަ ޒުވާނުން ކުރާ އެއް މަސައްކަތް. ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެ އެ މަސައްކަތުގައި އުޅެމުންދާ ޒުވާނުން ގިނަ ވާނެ"
ކައުންސިލްގެ ރައީސް

ގިނަ ރަށްތަކުގައި ދިމާވަމުން އަންނަ ރަށް ގިރުމުގެ މައްސަލަ އިނގުރައިދޫއަށް ކުރިމަތިވަމުން އަންނައިރު އެ ރަށުގެ ކައުންސިލާއި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީއެވެ. ޖަލީލު ވިދާޅުވީ އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ދިމާވާތާ ދެ އަހަރު ވެފައިވާ ކަމަށާއި ރަށުގެ ބޮޑު ބައެއް ގިރާލާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މީހުން ދިރިއުޅޭ ގެތައް ގޮނޑުދޮށާ ކައިރީގައި ހުންނާތީ ރަށް ގިރުމުގެ މައްސަލައާއެކު މޫދާއި ގެތަކާ ދެމެދު ދެ ފޫޓް ވަރު ޖާގަވެސް ނެތް ގެތައް މިހާރު އެބަ ހުރި ކަމަށެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށްވެސް ޖަލީލު ވިދާޅުވިއެވެ.

"މިހާރު ދެ އަހަރެއް މި ދަނީ ރަށް ވަރަށް ބޮޑަށް ގިރާލަމުން. މީހުން އުޅޭ ބައެއް ގެތަކާ މޫދު އިންނަ ހިސާބާ 2 ފޫޓް ވަރު ޖާގައެއް ވެސް ނެތް ތަންތަންވެސް އެބަހުރި."
ކައުންސިލްގެ ރައީސް

އިނގުރައިދޫގައި އެ މައްސަލަ ދިމާވާން ފެށީ ބަނދަރު ހެދުމާ ގުޅިގެން ކަން ފާހަގަ ކުރައްވާ ޖަލީލު ވިދާޅުވީ މި މައްސަލައާއެކު ގެއްލުން ވާނީ ކޮން ބަޔަކަށްކަން ނޭނގޭތީ އެ ކަމަށް ވީހާވެސް އަވަހަކަށް ހައްލެއް ބޭނުންވާ ކަމަށެވެ.

ފައިނުފެންނަ މަގު

އިނގުރައިދޫގައި އޮންނަ ފައިނުފެންނަ މަގުގެ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ. އެ ވާހަކަތައް އަލަށް އަޑުއިވޭ ގިނަ ބަޔަކު ބިރު ގަނެ އެ މަގުން ހިނގަންވެސް ނުކުރޭ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބިމުގައި ފައި ނުޖެހެނީތޯ ފައި ހަމަ ނުފެންނަނީތޯވެސް ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެހެންނަމަވެސް މިއީ މުޅިން ތަފާތު ވާހަކަ އެކެވެ. ދެކެވޭ މަޖާޒީ މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭގެ ތެދު ދޮގު ޔަގީންކުރަން ދިރާސާވެސް ކޮށް އުޅުނެވެ.

އިނގުރައިދޫގައި އޮންނަ އެ އަތޮޅު ފައިނު ފެންނަ މަގު

ބައެއް މީހުންނަށް އެއީ "ބާމިއުޑާ ޓްރެއިންގަލް" އަށް އެއްޗެއްހި ގެއްލޭ ގޮތަށް ފައި ގެއްލޭ މަގެއް ކަމަށް ހީވަނީއެވެ.

"އެހެންޏާފަހެ ހިނގާފައި ދާ އިރު ފައި ނުފެންނަންޏާ ދެން ކިހާ ބިރުވެރި ވާނެތާ" ފައިނުފެންނަ މަގާ ބެހޭ ގޮތުން މީހަކާ ސުވާލު ކުރުމުން އެމީހާ ބުނެފައި ވެއެވެ.

އިނގިރައިދޫގެ ފައިނުފެންނަ މަގުގެ ވާހަކަ އެހީމުތޯ އެހެން މީހެއްގެ ކުރިން ސުވާލު ކުރީމައި، އެމީހާ ބުނީ، އެފަދަ ވާހަކައެއް އަޑުއެހި އެއީ ފުރަތަމަ ފަހަރު ކަމަށާއި، ރާއްޖޭގައި އެފަދަ މަގެއް އޮންނަކަން ނޭނގޭ ކަމަށެވެ. އެމަގާ ބެހޭގޮތުން ދިވެހި ބަހުގެ އެދުރެއް ކުރެން ސުވާލު ކޮށްލުމުން، އޭނާ އަށްވެސް ފުރަތަމަ ލިބުނީ ސިހުމެކެވެ. ނަމަވެސް ދެތިން ފަހަރަކު އެ ޖުމްލަ ކިޔައިލުމުން އެވާގޮތް އޭނާ އަށް ވިސްނުނެވެ.

ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީއެއްގެ ކުރެން އެ މަގުގެ ވާހަކަ އަހާލުމުން، އޭނާ ހުރީ ކޮސްވެފައެވެ. ދުވަހަކު އެހި ވާހަކައެއް ނޫން ކަމަށާއި އެ މަގު ބަލާލަން ދިޔުމުގެ ޝައުގު ބޮޑުވެއްޖެ ކަމަށް ބުންޏެވެ. އަދި ދާދި ފަހަކުން އޭނާ އިނގުރައިދުއަށް ދިޔަ ކަމަަށާއި ނަމަވެސް އެރަށުގައި އެކަހަލަ ވާހަކައެއް މީހަކު ނުދައްކާ ކަމަށްވެސް ބުންޏެވެ.

އިންގިރައިދޫ މީހުންނަށް އެ މަގަކީ އާ މަގެއް ނޫނެވެ. އެމީހުން ފައިނު ފެންނަ މަގަށް ގޮސް ހަދައެވެ. އެކަމަކު ފައި ގެއްލިގެނެއް ނޫޅެއެވެ.

ކުރީގެ އާދަކާދައިގެ ތެރެއިން ދައްކަމުން އަންނަ ނުވަތަ ކިޔަމުން އަންނަ އެ ވާހަކަ އަކީ، ބިރެއް އޮތް ވާހަކައެއް ނޫނެވެ. އެއް ގޮތަކަށް ވެސް ފައި ނުފެންނަނީކީ ނޫނެވެ. އެމަގަކީ އެއަތޮޅުގައި އޮންނަ ފައިނު ކިޔާ ރަށް ފެންނަން އޮންނަ މަގެކެވެ. އެ މަގުން ނުކުތީމައި އެ ރަށާ ދާދިކައިރީގައި އޮންނަ ފައިނު ފެންނަން އޮންނައިރު އެ މަގަކީ އިނގުރައިދޫ "ރަށް ބުރި" ކޮށްލި މަގެވެ. އެ މަގުގެ ނަމަކީ އެއީ ނަމަވެސް އާންމުކޮށް ހަރުލާފައި އޮންނަ "ފައިނުފެންނަ" މަގަށް އެމަގު ވެގެން ދަނީ ފައިނު ފެންނަން އޮންނާތީއެވެ.