ރާއްޖޭގައި އުފެއްދޭނެ ހުރިހާ ކާބޯތަކެއްޗެއް، ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ 'ފުޑް ސެކިއުރިޓީ' ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ގާއިމުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތުން ހެދުމަށް ކަމަށެވެ.

އަދި އެކަން ހާސިލުވާނީ އުމްރާނީ، އިގްތިސޯދީ، އަދި އިޖުތިމާއީ ތަރައްގީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ގައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އެމަނިކުފާނު ވެ ވަޑައިގެންފައިވާ ވައުދަށް އިހުތިރާމުކުރައްވާނެކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަތޮޅުގައި ރައްޔިތުން އެދޭކަހަލަ އެއާޕޯޓެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެމަނިކުފާނު ވިދާޅުވީ އިގްތިސޯދީ ގޮތުން އެތައް ވަޒީފާއެއް އުފެދި ސަރުކާރަށާއި ދައުލަތަށް، އަދި ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އިތުރުވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ރ އަތޮޅާއި ބ އަތޮޅަށް ރައީސް ކުރައްވަމުންގެންދާ އެ ދަތުރުފުޅުގައި އިނގުރައިދޫއަކީ އެމަނިކުފާނު ވަޑައިގެންނެވި ހަތަރު ވަނަ މަންޒިލެވެ.