ކެމްޕެއިންގެ ފޯރި ނިމުމަކާ ހިސާބަށް އައިއިރު ކެމްޕެއިން ފޯރީގައި އެންމެ ތަފާތު މަޖާ ހަރަކާތްތަކެއް ފެނިގެން ގޮސްފައި ވަނީ އަތޮޅުތަކުންނެވެ. ތަފާތު ގޮތްގޮތަށް ކިޔަމުންދިޔަ މަރުހަބާއާއި ބައެއް ރަށްރަށުގެ ސަގާފަތްތަކާއި މަރުހަބާ ކިޔުމަށް ތައްޔާރު ކުރަމުން ދިޔަ ބުއިންތައްވެސް އަތޮޅު ތެރޭގައި ކިތަންމެހާވެސް ތަފާތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓެއް ވާދަކުރެއްވި ނަމަވެސް އަތޮޅު ތެރެއިން އޭރުވެސް ފެނިގެން ދިޔައީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނިކުންނަ މަންޒަރެވެ.

ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން ރ އަތޮޅަށް ކުރެއްވި ދަތުރުގައި މުއިއްޒު ރ. އިނގުރައިދުއަށް ވަޑައިގަތުމުން އެ ރަށުގެ އަންހެނުންތަކެއް ބޮޑުބެރު ޖަހާ، މުއިއްޒަށް ހާއްސަކޮށް ހަދާފައިވާ ލަވަތައް ކިޔާ މަރުހަބާ ކިޔާފައި ވެއެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައިވެސް ވަރަށް ގިނައިން ދައުރުވެފައި ވާއިރު ދެން އެ މޫނުތައް ފެނިގެން ދިޔައީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް ރ އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގައި ރ. ފައިނަށް ވަޑައިގަތުމުންނެވެ. އެ ހަރަކާތްތައް ފަހަރަަކަށް ވުރެ ފަހަރަކު ރީތިވެފައި ލަވަތައްވެސް ތަފާތެވެ. ބޮޑުބެރުގެ އެ ހަރަކާތާއެކު ނެށުމުގެ އެ ހަރަކާތްތައް ދައްކާލާ ޓީމުގައި ހިމެނެނީ 15 ވަރަކަށް އަންހެނުންނެވެ. އެއިން ކޮންމެ މީހެއްގެވެސް ހުރީ ނުގުޑާފަދަ އަޒުމެއްކަން ދޭހަވެއެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ/ ފޮޓޯ: ޕީޕީއެމް

ރ އަތޮޅުގެ ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށް ފަހު ބ އަތޮޅުގެ ރަށްތަކަށް މުއިއްޒު ކުރެއްވި ދަތުރުގައި އެ ޓީމު ފެނިގެން ދިޔައީ އެ އަތޮޅުގެ ކިހާދޫއިންނެވެ. ރ ހުރަސްކޮށް ބ އަތޮޅަށް އެ ޓީމު ދާނީ ކޮންމެވެސް ފަދަ ރޫހެއް ހުރީމަކަމާމެދު އެއީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އެކަމާ ގުޅޭ ގޮތުން އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ރ. އިނގުރައިދޫ، ހަމީދާ އަހުމަދު މަނިކާ ސުވާލުކޮށްލުމުން އެނގިގެން ދިޔައީ އެޓީމުގެ އެފަދަ ހަރަކާތްތަކަކީ ވަރަށް ކުރީންސުރެވެސް ކުރަމުން ދިޔަ ކަންކަން ކަމަށާއި މި ކެމްޕެއިނުގައި އެކަން ފެށުނީ ޕީޕީއެމްއަށް އޮތް ލޯތްބާއެކު ކަމެވެ.

ހަމީދާ ބުނީ މި ފަހަރު ބޮޑު ގްރޫޕެއް އެއްކޮށް ނަގައިގެން އެ ހަރަކާތް ފެށީ ރަށްރަށަށް ދިއުމުގެ އެއްވެސް މަގްސަދެއް އޮވެގެން ނޫން ކަމަށާއި ރަށްރަށަށް ދިޔައީ އެ ރަށްރަށުން ދެމުން ދިޔަ ދައުވަތުތަކަށް ކަމަށެވެ. ނަމަވެސް ދައުވަތު ލިބުނު ހުރިހާ ރަށަކަށް ނުދެވުނު ކަމަށް ހަމީދާ ވަނީ ފާހަގަ ކޮށްފައެވެ.

އެ ހަރަކާތައް މާ ބޮޑު ފަރިތަކުރުންތަކެއް ބޭނުން ނުވާއިރު އެ ލަވަތަކަކީވެސް އެ ޓީމުގެ އަމިއްލަ ޅެންތަކެއްގެ މައްޗަށް ތައްޔާރުކުރާ ލަވަތަކެވެ. ހަމީދާ ބުނީ ލަވަ ހަދަނީ ޓީމުން ކަމަށާއި ބޭނުންގޮތަށް އެ ލަވަ ބައްޓަންކުރަނީވެސް ޓީމުގެ މަޝްވަރާގެމަތިން ކަމަށާއި ކުޑައިރުންސުރެ ފެށިގެން ކުޅިވަރުގެ ތެރޭގައި އެހެން އުޅެމުންދާތީ އެއީ މާ ބޮޑު ކަމަކަށް ނުވާ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ/ ފޮޓޯ: ޕީޕީއެމް

ހަމީދާ ބުނީ މުއިއްޒަށް ހާއްސަކޮށް ހަދާ ލަވަތަކަކީ އަމިއްލައަށް ޅެން ހަދައިގެން ކިޔާ ލަވަތައް ކަމަށާއި އެ ލަވަތަކުގެ މާނަ ރީތިކުރަން އިސްކަންދޭ ކަމަށެވެ. ފުރަތަމަ އެ ހަރަކާތް ކެމްޕެއިނަށް ފެށުނީ މުއިއްޒު އިނގުރައިދުއަށް ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން އެކަމުގެ އުފަލުގައި ވަގުތުން ތައްޔާރުކުރި ލަވައަކާއެކު ކަމަށާއި އެ ޕާޓީގެ ލީޑާޝިފުންވެސް އެ ހަރަކާތްތައް ފާހަގަކުރުމުން އުފާވި ކަމަށް ހަމީދާ ބުންޏެވެ.

ހަމީދާ ބުނީ ލަވަ ހަދާ، އެކުލަވާލަނީ ރޭގަނޑު ކަމަށާއި ދެން އެންމެން އެއްތަނެއްގައި ތިބެގެން ލަވަ ރަނގަޅުތޯ ބަލާލައި، ކިޔާލަނީ ކަމަށާއި އެކަމަށް މާ ބޮޑު ފަރިތަކުރުންތަކެއް ބޭނުން ނުވާ ކަމަށެވެ. އަމިއްލަ ލަވަ ހަދައިގެން ކިޔަން ފެށީ މި ފަހަރު ކަމަށާއި އެ ހަރަކާތަކީ ގައުމީ ރޫހުގައި ދީނަށްޓަކައި އެގޮތަށް ހުރިހާ ބައިވެރިން މަޝްވަރާކޮށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ހާމިދާ ފާހަގަ ކުރިއެވެ.

ހަމީދާ ބުނީ ރަށްރަށަށް އެ ކުރާ ދަތުރުތަކުގެ ހަރަދުތަކަކީ ބައިވެރިވެގެން އުޅޭ މީހުންނާއި ޕާޓީއަށް ތާއީދުކުރާ އެހީތެރިންގެ ފަރާތުން ކުރިއަށް ގެންދާ ކަންކަން ކަމަށެވެ. ދެ ގަޑިއިރުގެ ދަތުރަކަށް ފަހު ކިހާދޫއަށް ވެސް ދިޔައީ ގައުމަށްޓަކައި ކުރަމުންދާ ކެމެއްގެ ގޮތުގައިކަން ފާހަގަކުރަމުން ހަމީދާ ބުނީ އެންމެ ބޮޑު އުންމީދަކީ ގައުމު ސަލާމަތްކޮށް މި ގައުމަކީ އަމާން އޮމާން ތަނަކަށް ވުން ކަމަށާއި ތަރައްގީ ބޭނުންވާނީ ގައުމު ސަލާމަތް ކުރުމަށް ފަހު ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުމުން ކީ ހޫނު މަރުހަބާ/ ފޮޓޯ: ޕީޕީއެމް
"އެންމެ ބޮޑު އުންމީދަކީ ގައުމު ސަލާމަތްކޮށް މި ގައުމަކީ އަމާން އޮމާން ތަނަކަށް ވުން ކަމަށާއި ތަރައްގީ ބޭނުންވާނީ ގައުމު ސަލާމަތް ކުރުމަށް ފަހު"
ހަމީދާ

އިނގުރައިދޫގެ އަންހެނުނަކީ ޕީޕީއެމްއަށް ވަރަށް މަރުދޭ ބައެއް ކަން ފާހަގަ ކުރަމުން އޭނާ ބުނީ އެންމެ ބޮޑަށް ބޭނުންވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ކަމަށެވެ.

އިނގުރައިދޫ އަންހެނުންގެ ހަރަކާތްތައް ފެންނަ ވީޑިއޯތައް މިހާރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ޓީމުން ބުނަނީ މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ލަވައިން އެކަންވެސް ނިންމާނެ ކަމަށެވެ. މިހާރު އެ މީހުން އެންމެ އިންތިޒާރު ކުރަމުން ދަނީ އެ ދުވަސް [މާދަމާ] އަށް ކަމަށް ވާއިރު ނަތީޖާ އާއެކު މާލެ ދިއުމަށްވެސް އެ ޓީމު ތިބީ ތައްޔާރަށެވެ.