ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލުގައި ރޯކޮށްލައި އަންދާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރ.އިނގުރައިދޫ މަގުމަތީގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު މި މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށާ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެެވެ.

އިސް މެޖިސްޓްރޭޓް ރަޝާދުގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ މި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށް، މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.