އާމްދަނީ ހޯދުމަށް އަދުގެ ޒަމާނުގައި ކުރާނެ ފަސޭހަ މަސައްކަތްތަކުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. އެހެންނަމަވެސް ކާބަފައިންގެ ޒަމާނުގައި އެއާ ހިލާފެވެ. އާމްދަނީ ހޯދުމަށާއި ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ކުރަމުން އައީ ބުރަ މަސައްކަތްތަކެކެވެ. ކާ ބަފައިންގެ ޒަމާނުން ފެށިގެން މިއަދާ ހިސާބަށް ވެސް ކުރަމުން އަންނަ މަސައްކަތްތަކަށް ނަޒަރު ހިންގާލާ އިރު ފެންނަމުން ދަނީ ވަރަށްވެސް މަދު މަސައްކަތްތަކެކެވެ. އެގޮތުން މަދުން ނަމަވެސް ފެންނަމުންދާ އެއް މަސައްކަތަކީ ރާވެރިކަމުގެ މަސައްކަތެވެ.

އެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމި ހުރި އެއް ރާވެރިޔަކީ ރ. މާކުރަތު، މުހައްމަދު ނިޒާރެވެ. މިހާރު އުމުރުން 70 އަހަރުވެފައިވާ ނިޒާރު ބުނާ ގޮތުގައި އޭނާ އެ މަސައްކަތް ކުރަން ފެށީ އޭނާގެ އުމުރުން 23 އަހަރުގައެވެ.

މީގެ ޒަމާންތަކެއް ކުރިން މާކުރަތުގައި ރާވެރިކަން ކުރި ގިނަ އަދަދެއްގެ ރާވެރިންތަކެއް ތިބިއިރު އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކަކަކީ ނިޒާރުގެ ބައްޕަ މޫސައެވެ. މޫސަ އާއެކު އާއިލާއަށް ލިބުނު "ރާ" ލަގަބާއެކު އެންމެންގެ ނަމުގެ ކުރިއަށްވެސް އެ ލަގަބު އަދިވެސް އޮވެއެވެ. ނިޒާރުގެ ބައްޕައަކީ މާކުރަތުގައި އެންމެ ގިނައިން ރާވެރިކަން ކުރި މީހާއަށް ވާއިރު ނިޒާރު ބުނާ ގޮތުގައި އޭނާ ވިސްނުން ހުރީ ބައްޕަ ކުރި މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް ކޮންމެވެސް ވަރަކަށް ނިޒާރުގެ އިތުރުން އޭނާގެ ބޭބެ، ހުސައިން މޫސާ ވެސް ކޮށް އުޅުނެވެ.

ނިޒާރު ބުނީ އޭނާގެ ބައްޕަމެން ރާއެރި ޒަމާނުގައި ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ރުކަށް އަރާ އުޅުނު ކަމަށާއި ދުވާލެއްގެ މައްޗަށް 3 ރުނބާ ހަކުރު ކައްކާ އުޅުނު ކަމަށެވެ.

"ބައްޕަގެ ލަގަބަލީ ރާ، އެއީ މަޝްހޫރު ރާ މޫސަ. އެއީ މި ރަށުގައި އެންމެ ގިނައިން ރާ އެރި މީހާ. އަހަރެން ވިސްނުމުގައި ހުރީ ބައްޕަ ކުރި މަސައްކަތެކޭ އެކަން ކުރާނަމޭ."
ނިޒާރު
ނިޒާރު "ދަ ޕްރެސް" އަށް އިންޓަވިއު ދެނީ / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

ނިޒާރުގެ ރާވެރިކަން ފެށުނު ގޮތް

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާވެރިކަން ކުރަން ފެށި ނިޒާރު ދުވަސްކޮޅަކަށް އެ މަސައްކަތް މެދުކަނޑާލިއެވެ. އެހެންނަމަވެސް ނިޒާރު ވަނީ 30 ވަރަކަށް އަހަރު ވަންދެން އެ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ނިޒާރު ބުނީ އޭނާ އެންމެ ފުރަތަމަ ރުކަށް އަރަން ފެށީ ރާވެރިކަން ކުރާ ބައެއް މީހުން ބަލިވެގެން ފުރަވެރިޔާގެ ގޮތުގައި އަރައިދޭން ބުނުމުން ކަމަށެވެ. އަދި އުފެދުނު ޝައުގާއެކު އެ މަސައްކަތް ދަސްކުރަން ކައިރި ރަށްރަށަށްވެސް ގޮސްފައިވާނެ ކަމަށް ނިޒާރު ވަނީ ބުނެފައެވެ.

އެ މަސައްކަތް ނިޒާރު ފުރަތަމަ ފެށީ އެ އަތޮޅު ދުވާފަރު ފަޅު ރަށެއްގެ ގޮތުގައި އޮތް އިރު އެ ރަށުގައެވެ. އަދި އޭރު ރާ ކެއްކުމުގެ މަސައްކަތްތައް ވެސް ކޮށް އުޅުނީ ހަމަ ދުވާފަރުގައެވެ.

ރާ އަރައިގެން ފަރުޖައްސާލުމުގެ ބަދަލުގައި ނިޒާރަކީ އިތުރު އެތައް މަސައްކަތްތަކެއް ވެސް ކުރި މީހެކެވެ. އަދި މިއަދު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއްވެސްމެއެވެ. އެގޮތުން ދަނޑުވެރިކަން ކުރުމާއި ތެދުއި ވަޑާންކުރުމާއި ރާނާ ސިމެންތި ޖެހުމުގެ މަސައްކަތްތައްވެސް ކުރި ނިޒާރު އެ މަސައްކަތްތަކުގައި އުޅެމުން ރަށު އޮފީހުގެ ވޮޗަރެއްގެ ވަޒީފާއާއި މަސައްކަތު މީހެއްގެ ވަޒީފާގައި ވެސް ވަނީ އުޅެފައެވެ. އަދި މަސް ކެއްކުމާއި ފަޅު ރަށެއް ބެލެހެއްޓުމުގެ އިތުރުން ބަކަރިއާއި ކުކުޅުވެސް ގެންގުޅެވެ. އެ ހުރިހާ މަސައްކަތްތަކާ އެކުވެސް ވަގުތު ލިބޭ ރެޔަކު ވިއްޔާ އޭނާ ކެޔޮޅުކަމުވެސް ދެއެވެ.

ނިޒާރަކީ ބަކަރިވެސް ގެންގުޅުނު މީހެކެވެ. އޭނާ ބަކަރި ގެންގުޅެން ފެށީ ސުނާމީގެ ފަހުން ކަމަށާއި އެ ހުރިހާ މަސައްކަތެއްވެސް ކުރީ ރާވެރިކަމުގެ މަސައްކަތުގައި އުޅެމުން ކަމަށްވެސް ބުނެފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުން މަސްގެނެސްގެން މަސްކެއްކުމުގެ މަސައްކަތްކުރި ނިޒާރު ބުނާ ގޮތުގައި އޭރު އޭނާ މަސްގެނައީ އެ އަތޮޅު މަޑުއްވަރީންނާއި ކަނދޮޅުދޫ އިން ކަމަށެވެ. އަދި އެ މަސް ބަލާ ރިޔަލު ދޯނީގައި އެ ރަށްރަށަށް ވެސް ދަތުރުކޮށްފައިވާ ނިޒާރު ބުނީ މަސް ކައްކައިގެން ވިއްކުމުގެ އިތުރުން ރޯ މަސްވެސް ވިއްކާފައިވާނެ ކަމަށެވެ.

ރާވެރިޔާ ނިޒާރު/ ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

އެ ހުރިހާ މަސައްކަތަކަށް ވަގުތު ހޯދަނީ ކިހިނެއްތޯ އަހާލުމުން ހީނލާފައި ނިޒާރު ބުނީ ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް ވަގުތަކީ ހޯދީމާ ލިބޭނެ އެއްޗެއް ކަމަށެވެ. ނިޒާރު ބުނީ ވޮޗަރު ކަމުގެ ވަޒީފާގައި އުޅުނުއިރު ފަތިހު ރުކަށް އަރާފައި ހެނދުނު ދަނީ އޭރު އޭނާ ބެލެހެއްޓި ފަޅު ރަށް، ކުޑަކުރަތަށް ކަމަށާއި މަސް ދޯންޏެއްގެ އިޝާރަތެއް ނެތް ނަމަ ރަށަށް ދަނީ މެންދުރުވުމުން ކަމަށާއި މަސްދޯންޏެއްގެ އިޝާރާތެއް ވެއްޖެނަމަ އޭގެ ކުރިންވެސް ރަށަށް ދާ ކަމަށެވެ.

އޭރު 15 ރުކަށް އެރި ނިޒާރު ބުނީ ބަލި ހާލަތު ހުރި ގޮތުންނާއެކު މިހާރު އަރަނީ 9 ރުކަށް ކަމަށެވެ. ރާވެރިކަން ފެށި ދުވަސްވަރު ރަލުން ހަކުރު ހަދައިގެން ވިއްކި ނިޒާރު ބުނީ މިހާރު އޭނާ އެއްވެސް ވަރަކަށް ހަކުރު ނުހަދާ ކަަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ހަކުރަށްވުރެ ރަލުން ލިބޭ އާމްދަނީ ބޮޑުވުމާއެކު އެކަމަށް ހޭދަވާ ވަގުތެވެ. އަދި ކާންބޯން ކުރަން ރާވެރިކަމަށްވުރެ ރަނގަޅު މަަސައްކަތެއް ނޯންނާނެ ކަމަށްވެސް ނިޒާރު ވަނީ ބުނެފައެވެ.

"ދުނިޔޭގަ އުޅެން ކާންބޯން ކުރަން މިއަށްވުރެ ރަނގަޅު މަަސައްކަތެއް ނޯންނާނެ"
ނިޒާރު

އަތޮޅު ފެރީގެ ހިދުމަތް ލިބެން ފެށުމާއެކު އަތޮޅުގެ ރަށްތަކަކަށް ރަލުގެ ވިޔަފާރި ފުޅާކުރި ނިޒާރުގެ އެ ވިޔަފާރި އަތޮޅުން ބޭރަށް ފުޅާވެފައިވާއިރު އޭނާ ބުނީ އެންމެ ދުރު ހިސާބަކަށް އޭނާ ރާ ފޮނުވަނީ މާލެއާއި ކ. މާފުއްޓަށް ކަމަށެވެ.

"ފެރީގެ ހިދުމަތް ލިބެން ފެށިފަހުން ރާ ހަދަނީ ހަކުރު ނަހަދަން. އެއީ ވަރަށް ބުރަ މަސައްކަތެއް އަންހެން މީހާ ދަރުހޮވާ ރާ ވަރުކޮށް އެތައް މަސައްކަތެއް ކުރަން ޖެހޭ ވަރަށް ފަސޭހަދޯ ރުކުން ބާލައިގެން ގެންނަ ގޮތަށް ފުރާނާފަ ފުޅި ފުޅިއަށް އަޅާލާފަ ގަނޑުކޮށްފަ މި ފޮނުވަނީ މާފުއްޓަށާއި މާލެއަށާ"

ރާވެރިކަމުގެ ތަޖުރިބާއިން ނިޒާރު ބުނީ ޖާފާނު ރުކުގެ ރަލުގައި ފޮނި ގަދަވުމާއެކު ކިހަށް ކަމެއް ހުންނަ ކަމަށާއި އެއާ ހިލާފަށް ދިވެހި ރުކުގެ ރަލުގައި ފޮނި މަޑުވުމާއެކު ކިހަށް ކަމެއް ނުހުންނަ ކަމަށެވެ. ރާވެރިން ތިން އިރަކަށް ރުކަށްދެއެވެ. ފަތިސް ނަމާދަށް ފަހުއާއި އަސުރު ނަމާދަށްފަހު ރާ ބާލަން ރުކަށްދާއިރު މެންދުރުވުމުގެ ކުރިން ގޮސް އުޅެނީ އެއް ކޮށާލަންށެވެ. ނިޒާރު ބުނީ ހެނދުނު ރަލަށްވުރެ މީރުވާނީ ހަވީރު ރާ ކަމަށާއި އެއީ މެންދުރުވުމުގެ ކުރިން ގޮސް އެއް ކޮށާލުމުގެ އަންނަ ބަދަލެއް ކަމަށެވެ.

ރާ ނުވާ ރުއްރުއްވެސް ހުންނައިރު ނިޒާރު ބުނީ އެކަހަލަ ރުއްތަކާވެސް ދިމާވެފައި ހުރި ކަމަށާއި ރާ ގިންއިން ފައިބައިގެން ގުޑި ފުރޭ ރުއް ރުކާވެސް ދިމާވެފައިވާ ކަމަށެވެ. އަދި ގުޑި ކޮންމެ އިރަކު ފުރިގެން ބަނޑުންވާތީ ރުކަކަށް ބަނޑިޔަލެއްވެސް ލެއްވި ކަމަށްވެސް ނިޒާރު ވަނީ ބުނެފައެވެ.

ޒަމާނަށް އައި ބަދަލާއެކު ރާވެރިކަން!

ޒަމާނާއެކު ރާވެރިކަމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއާއެކު ނިޒާރުގެ ރާވެރިކަމުގައި އައި ބަދަލުތަކަށްބަލާއިރު ގާތްގަނޑަކަށް 50 އަށްވުރެ ގިނަ ގުޑި ގެންގުޅުނު ނިޒާރުވެސް ވަނީ ގުޑި ދޫކޮށްލާ އެކި ފާޑުތަކުގެ ފުޅިތަކަށް ބަދަލުކޮށްލާފައެވެ. ނިޒާރު ބުނީ އެ ބަދަލާއެކު ސާފުކުރަންވެސް ފަސޭހަވެފައިވާ ކަމަށެވެ.

ރާވެރިކަމުގައި ނިޒާރު ބޭނުންކުރި ބައެއް ތަކެތި / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

މަންނަން ގެންގުޅުނު ކަންފަތި ދޫކޮށްލުމަށްފަހު މިހާރު ފިޔޮފި ބޭނުންކުރަމުން އަންނަ ނިޒާރު ބުނީ އެތަކެތި ބޭނުންކުރުން ހުއްޓާލިފަހުން 10 ވަރަކަށް އަހަރުވެފައިވާނެ ކަމަށެވެ. އަދި ގަޅި އޮޅަން ބޭނުންކުރި ރޯނުގެ ބަދަލުގައި ބޭނުން ކުރަނީ ކަންވާރު ކަމަށްވެސް ނިޒާރު ވަނީ ބުނެފައެވެ.

"އޭރު ލަނީ ގުޑި އޭރު ގެންގުޅެން 50 އަކަށް ގުޑި. އެ ގުޑި ދޫކޮށްލާފަ މިހާރު ލަނީ ފާޑު ފާޑުގެ ފުޅި. އެއީ ސާފުކޮށްލަންވެސް ފަސޭހަވާނެ. ކުރީގަ ކަންފަތިން މަންނަނީ މިހިރީ ވެފައި ހުންނަނީ. މަންނަމުން ގޮސް ހުސްވެފަ. މިހާރު މަންނަނީ ފިޔޮފިން. މި އެއްޗެހި ބޭނުން ކުރުން ހުއްޓާލިފަހުން 10 ވަރަކަށް އަހަރު ވެއްޖެ. ކުރީގަ ގަޅި އޮޅަންވެސް ބޭނުން ކުރަނީ ރޯނުން. އެކަމު މިހާރު ކަންވާރުން ގަޅި ބަންނާނެ."
ނިޒާރު

ނިޒާރަށް ރުކަށް ނުދެވޭނަމަ ރުއްތައް ހަވާލުކުރަނީ އަންހެން ކޮއްކޮއަކަށް!

މިހާރު މަހަށް ދަމުން ރާވެރިކަން ކުރަމުން އަންނަ ނިޒާރު ބުނީ އޭނާ މަހަށް ދަނީ ރުކަށް އަރާފައި ކަމަށާއި މަހުން އައިސް ރާ ބާލަންދެއެވެ. އެއްކޮށަން މީހަކާ ހަވާލުކުރަންޖެހޭއިރު މީގެ ކުރިން ބައްޔެއް ވިޔަސް ނުވަތަ ރަށުގައި ނުހުންނަ ފަހަރެއްގައި ރުއްތައް މީހަކާ ހަވާލުކުރާ ކަމަށާއި މިހާރު ހަވާލުކުރަނީ ނިޒާރުގެ ބޭބޭ، ހުސައިންގެ އަންހެން ދަރިއަކަށް ކަމަށް ނިޒާރު ބުނެއެވެ.

ރާވެރިޔާގެ ބޭބެގެ ދަރި، އަޒީމާ / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

ނިޒާރު ކުރަމުން އަންނަ ރާވެރިކަމުގެ މަސައްކަތުގައި އަޒީމާ ހުސައިންގެ ދައުރުވެސް އޮވެއެވެ. އަޒީމާ ބުނީ ރާވެރިކަމުގެ އެ މަސައްކަތަކީ އޭނާގެ ބައްޕަ ދަސްކޮށްދީފައިވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތަކީ އޭނާ ވަރަށް ޝައުގުވެރިކަން ހުންނަ މަސައްކަތެއް ކަމަށެވެ.

ނިޒާރަކީ އޭނާ ކުރަމުން އަންނަ ރާވެރިކަމުގެ މަސައްކަތަށް ގިނަ ބަޔަކު ނެރެން ބޭނުންވާ މީހަކަށްވާއިރު އޭނާ ބުނީ ގިނަ ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން ޒުވާނުންވެސް ފަތް ކަހާ ފަތް ހެދުމުގެ މަސައްކަތްތަކާއި ރުކަށް އަރުވާ މަންނަން ދަސްކޮށްދީ ހުރިހާ ކަމެއްވެސް އޭނާ ދަސްކޮށްދީފައިވާއިރު ބައެއް ޒުވާނުން އެ މަސައްކަތް ފެށި ކަމަށެވެސް އޭނާ ބުނެއެވެ.