ރ. މާކުރަތުގައި އިމާރާތް ކުރި ފުލުހުންގެ މަރުކަޒު މިއަދު ހުޅުވައިފިއެވެ.
މި މަރުކަޒު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަސްތެރޭގައި ކަމަށްވާއިރު ބިންގާ އަޅުއްވާދެއްވާފައިވަނީ ވެސް ހޯމް މިނިސްޓަރެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝަރޫއުގެ ދަށުން ފުރާޅު އެޅުމުގެ މަސައްކަތާއި ބައުންޑްރީ ވޯލް ރޭނުމުގެ އިތުރުން ކޮންކްރީޓް އަޅާ ތަނބު ޖަހައި ރޭނުމުުގެ މަސައްކަތްވެސް ހިމެނެއެވެ.
ފުލުހުންގެ މަރުކަޒު ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްގި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މި މަރުކަޒާއިއެކު ފުލުހުން ކުރަމުންދާ މަސައްކަތައް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.
އަދި ރާއްޖޭގައި ގޭންގް ހަދައިގެން ކުއްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ހިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއް ކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗާ ހިދުމަތުގެ ތެރެއިން ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި 140 އަށްވުރެ ގިނަ އިމާރާތް ނިމި، ފުލުހުންގެ ހިދުމަތަށް ހުޅުވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ފުލުހުންގެ މަރުކަޒުތައް ގިނަވުމުން ކުށްތަކަށް އަރައިގަންނަން މީހުން ބިރުގަންނާނެ ކަމަށާއި ފުލުހުންގެ އިމާރާތް ގިނަވާ ވަރަކަށް ކުށްތައް ވެސް މަދުވަމުންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މާކުރަތު ފުލުހުންގެ މަރުކަޒަކީ މި ސަރުކާރުން ހުޅުވި ދެވަނަ މަރުކަޒެވެ.
