ޑިސެންބަރު 4، 2019 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި އަޑު އެހުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.
އެމައްސަލައިގައި އެދުވަހުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވަވާ ކަމަށެވެ. އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އދ މާމިގިލި/ ކަނީރުމާގެ އުމުރުން 59 އަހަރުގެ ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީގެ ކުރިން ކުށަށް އިއުތިރާފްވެ، މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފައިވެއެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.
ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށާއި، ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް އޭރު ބުނެފައިވެއެވެ.