'ފުވައްމުލަކު ނަން އިވޭ، މެދުވަޑިފެން ހެޔޮ ރަށޭ، ރާޅުވަށާ ފުއްޓަރޭ، އެއްގަމުތެރެ ސުއްދަރޭ، ވިލެއް ފަޅެއް ވަކިނުވާ، ގުޅުމެއް ނެތި އަތޮޅަކާ އޮތް ރަށަކޭ ވަކިވެފާ' ޅެންވެރިޔާގެ މި އަންބާގައި އެކަނިވެސް ފުވައްމުލަކަކީ ތަފާތު ރަށެެއްކަން އެނގިގެން ދެއެވެ.
ފުވައްމުލައް ސިޓީ އަކީ އެ ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ބަލާ ފޫހިނުވާ ހިތްގައިމު ގުދުރަތީ ވަސީލަތްތަކުން ފުރިގެންވާ ރަށެކެވެ. އީދިގަލި ކިޅި އާއި، ތުނޑީގެ އިތުރުން ހަވިއްތަ އާއި ގެން މިސްކިތް ފަދަ ތަންތަނަކީ އެ ރަށުގެ ފަހުރެވެ. އެ ރަށަށް ޒިޔާރަތް ކުރާ ކޮންމެ މީހަކުވެސް ބަލާލަން ބޭނުންވާ ތަންތަނެވެ.
ފުވައްމުލަކު ގެން މިސްކިތަކީ ރަށަށް ޒިޔާރަތްކުރާ މީހުންގެ އިތުރުން އެ ރަށު މީހުންނަށްވެސް ވަރަށް ހާއްސަ މިސްކިތެކެވެ. މީގެ 900 އަހަރު ކުރިން ބިނާކުރި ގެން މިސްކިތަކީ އެ ރަށުގައި ފުރަތަމަ ބިނާކުރި މިސްކިތެވެ. ތާރީހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މި މިސްކިތް ބިނާކުރީ މީލާދީ ގޮތުން 1398 ވަނަ އަހަރެވެ. މިކަމަށް ބާރު ލިބޭ ހެކިތައްވެސް އެ މިސްކިތުން ފެންނަން ހުރިއިރު މިސްކިތުގެ ގޯތިތެރޭގައި ހުރި ފިލާގަނޑެއްގައި ވެސް މިސްކިތް ބިނާކުރި ތާރީހު ކަމަށް ލިޔެވިފައި ވަނީ މި ތާރީހެވެ.
ގެން މިސްކިތް އިމާރަތް ކުރެއްވީ އެ ރަށަށް އިސްލާމްދީނަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އަބޫބަކުރު ނައިބު ކަލޭގެފާނުކަމަށް ބުނެއެވެ. އަދި މި މިސްކިތް އިމާރަތް ކުރެއްވި އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނުލެވުނީ ވެސް ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ. މި ޒިޔާރަތް ހުންނަނީ ވެލި ގަލުން ކޮށާ މަށައިގެން ހަދައި ހިޔާކޮށްފައެވެ.
ގެން މިސްކިތަކީ ރާއްޖޭގެ ތާރީހުގައި ހުރި ވެލިގަލުގެ އެންމެ ޒަމާންވީ މިސްކިތެވެ. މި މިސްކިތް ހަދާފައި ވަނީ ވެލިގަލުން ތަރަހަ ހަދައި އެ މައްޗަށް ކޮށާމަށާފައި ހުރި ބޮޑެތި ވެލިގަލުން ރާނައިގެންނެވެ. ފުވައްމުލަކު ގެން މިސްކިތަކީ އެންމެ ފުރަތަމަ ފުވައްމުލަކުގައި ހުކުރު ނަމާދާއި އީދު ނަމާދު ކުރި މިސްކިތެވެ. އެކި ދުވަސްވަރު މި މިސްކިތް މަރާމާތު ކުރުމާއެކު އެކި ބަދަލުތައް ގެނެސްފައި ވީނަމަވެސް މި މިސްކިތް މިހާރު ހުރި ގޮތަށް ޓިނަށް ބަދަލު ކުރީ 1987 ވަނަ އަހަރުއެވެ. ތާރީހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުން މި މިސްކިތް ބުދު ދީނުގެ މީހުން ބޭނުން ކުރިއެވެ. އެ ވާހަކައަށް އެންމެ ބޮޑަށް ބާރު ލިބޭ އެއް ހެއްކަކީ މިސްކިތް ގިބުލައަށް ނެތުމެވެ.
މި މިސްކިތުގެ ވަޅަކީ ވެސް ކޮށާމަށާފައި ހުރި ވެލިގަލުން ހަތަރެސްކަނަށް ހަދާފައި ހުރި ވަޅެކެވެ. މި ވަޅުގެ ފެނަކީ ފުވައްމުލައް ސިޓީގެ ރައްޔިތުން ބުނާ ގޮތުންނަމަ ވަރަށް މީރު ފެނެކެވެ. މި ވަޅުގެ ފެނުގައި ފޮނި ރަހައެއް ދޭކަމަށް ފުވައްމުލަކު ބައެއް މީހުން ބުނާއިރު ކުރީ ޒަމާނުގައި މި ވަޅުގެ ހަތަރު ކަނުގެ ފެނުގައި ލަނީ ހަތަރު ރަހަކަމަށްވެސް ބުނެ އުޅެއެވެ. އަދި މި ވަޅުން ފެން ބޮއިފި މީހަކު ފުވައްމުލައް މަތިން ހަނދާން ނުނެތޭނެ ކަމަށާ އަނބުރާ އެ ރަަށަށް ދާނެ ކަމަށްވެސް ބުނެ އުޅުނެވެ. މީގެ 20 އަކަށް އަހަރު ކުރިންވެސް އެ ރަށުގެ ގޭގެއަށް ބޭނުންވާ ފެން އެ ވަޅުން ނަގައި އުޅުނެވެ.
ގެން މިސްކިތު ފާރުން ބޭރުގައި ފެން ފައްތަރާއެކު ހަ ފައްތަރުގެ ވެވެއް ހަދާފައި ވެއެވެ. މި ވެވު ހަދާފައި ވަނީ ރަށުގެ އާނު ކަނޑައިގެންނެވެ. ހަތަރުކަން ހަމަ މި ވެވުގެ އެތެރޭގައިވެސް ކޮންމެވެސް ދުވަސްވަރެއްގައި ކުޑަ ވެވެއް ހަދާފައިވާ ކަމަށް ފުވައްމުލަކު މީހުން ބުނެ އުޅުނެވެ. ފުވައްމުލައް ގެން މިސްކިތަކީ 'ހާއްސަ' ތަނެއްގެ ގޮތުގައި އޭރު އެ ރަށަށް ޒިޔާރަތްކުރާ މީހުންވެސް ގަބޫލުކުރެއެވެ. ގެން މިސްކިތަށް ނަދުރު ބުނުމާ، މާލޫދު ކިޔުމާ، ގެން މިސްކިތުގައި ރޯދަ ހިފުމަކީ އޭރު ދުރު ރަށްރަށުން މީހުން ފުވައްމުލައް ސިޓީއަށް ގޮސް ކުރަމުން ދިޔަ ކަންކަމެވެ.
އެކި ދުވަސްވަރު ގެން މިސްކިތަށް ބަދަލުތައް ގެނެވިފައި ވާއިރު މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 2000 ވަނަ އަހަރު، މިސްކިތުގެ އިރުމަތީފަރާތު ފެންޑާ ހުރި ހިސާބަށް ދަގަނޑުޖަހައިގެން ފެންޑާއެއް ވަނީ ހަދާފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ގާތްގަނޑަކަށް 70 މީހުންނަށް ނަމާދު ކުރެވޭވަރުގެ ޖާގައެއްވެސް ވަނީ އިތުރު ކޮށްފައެވެ. އެހެންނަމަވެސް މިހާރު މިތަންތަނުގެ އެއްވެސް ބޭނުމެއް ނުކުރެއެވެ.