ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި މިހާތަނަށް އައިއިރު ބޭރު ތޮށި ލުމުގެ މަސައްކަތް ވަނީ 54 ޕަސެންޓް ފުރިހަމަކުރެވިފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 21،181.80 ކިއުބިކް މީޓަރުގެ ގިރާ ސަރަހައްދަށް ވެލި އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ސެޕްޓެމްބަރު 24، 2021 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލު ކޮށްފައިވަނީ 87.28 މިލިއަން ރުފިޔާއަށެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.