ތައިލެންޑުން ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެހި ފިރިހެނަކު އެ ގައުމުން ހައްޔަރު ކޮށްފިއެވެ.

ތައިލެންޑުން ފުރައިގެން ރާއްޖެ އަންނަން އުޅުނު އެމީހާގެ ލަގެޖުން 25 ދޫނި ފެނިފައިވާއިރު އެ ދޫނިތަކުގެ އަގަގީ ގާތްގަނޑަކަށް 45،000 ދިވެހި ރުފިޔާއެވެ. ބޭރުގެ މީޑިއާ ތަކުން ބުނާ ގޮތުގައި އޭނާގެ ލަގޭޖުން ދޫނިތައް ފެނިފައިވަނީ ބޭންކޮކް އެއާވޭސްގެ ފްލައިޓް PG711 އިން ރާއްޖެ އަންނަށް އުޅެނިކޮށެވެ.

އޭނާގެ ލަގެޖުގެ ތެރެއިން ފެނުނު ދޫނިތަކުގެ ތެރޭގައި ބްލެކް ހޯކް، ބަފީ ފިޝް އޯލް އަދި ބާޑް އީގަލް އޯލް ހިމެނޭއިރު މި ދޫނިތަކަކީ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީސީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫނީގެ ބާވަތްތަކެކެވެ.

އޭނާ އެއާޕޯޓުން ހައްޔަރުކުރުމަށްފަހު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރްނަބޫމީ އެއާޕޯޓް ޕޮލިހަށް ވަނީ ރިޕޯޓް ކޮށްފައި ވާއިރު އެ ދޫނިތައް ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕާކު (ޑީއެންޕީ)ގެ ވައިލްޑްލައިފް ހެލްތު ޑިވިޝަނަށް ތަހުލީލު ކުރުމަށް ފޮނުވާފައެވެ.

މީގެ ކުރިން ވެސް ތައިލެންޑުން ހިމާޔަތްކޮށްފައިވާ ނުވަތަ ބޭރުކުރުން މަނާ ޖަނަވާރުތަކެއް އެތެރެކުރަން އުޅުނު ދިވެހިންގެ ބަޔަކު ވަނީ އެ ގައުމުން ހައްޔަރު ކޮށްފައެވެ.