ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ގަދަ 10 ގައި ވާދަކުރެވޭ ގޮތަށް އިސްލާހު ގެނެސްފިއެވެ.

"ސާނަވީ ސްކޫލްގެ ކިޔެވުމާއި މަތީ ސާނަވީ ސްކޫލް ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުން ކަނޑައަޅާ އުސޫލް" އަށް މިއަދު ބަދަލު ގެނެސްފައި ވާއިރު، ގަދަ 10 ގައި އަރަބިއްޔާ ސްކޫލަށް ވާދަ ކުރެވޭގޮތަށް ވަނީ ނިންމާފައެވެ.

އަރަބިއްޔާ ނިންމާ ދަރިވަރުން ހަދަމުން ގެންދަނީ ޝަހާދާ ސާނަވިއްޔާ ނުވަތަ ޝަހާދާ އިއުދާދީ އިމްތިހާނު ތަކެވެ. އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އަރަބި މީޑިއަމަށް ކިޔެވި ނަމަވެސް ޝަހާދާ އިއުދާދީ އިމްތިހާނު ހެދި ނަމަވެސް ސާނަވީ އަދި މަތީ ސާނަވީ ގަދަ ދިހައެއް ކަނޑައެޅުމުގައި ބަލާނެ ކަމަށެވެ.

މިގޮތުން އަރަބި މަންހަޖަށް ކިޔަވައިދޭ ސްކޫލުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން އޯލެވެެލްގައި ކަނޑައަޅާނީ ގްރޭޑް ނުވައެއް ނިންމާ (ޝަހާދާ އިއުދާދީ) މާއްދާތަކުގެ ނަތީޖާ އާއި އެ ދަރިވަރު ގްރޭޑް 10 ނިންމާ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން ކަމަށް އެ އުސޫލުގައިވެއެވެ. އަދި އޭލެވެލްގައި ގަދަ 10 ކަނޑައަޅަނީ ގްރޭޑް 12ގެ ދަރިވަރުންގެ ތެރެއިން ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންގެ ނަތީހާއަށް ބަލައިގެންނެވެ.

މީގެ ކުރިން އަރަބިއްޔާ ސްކޫލުން ކިޔަވާ ދަރިވަރުންނަށް ގަދަ 10ގައި ވާދަ ކުރުމުގެ ފުރުސަތެއް ނުލިބެއެވެ.