ދިވެހިރާއްޖޭގެ އިގްތިސޯދީ ކުރިއެރުންތައް މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސޯދު ކުރިން ލަފާކުރި ވަރަށްވުރެ ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު 21.5 ޕަސެންޓް އިތުރުވެފައިވާކްން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ލަފާކުރެވެނީ މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށެވެ. އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވުމުގެ ސަބަބުން ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި މި ދަނޑިވަޅުގައި ވެސް ރާއްޖެއަށް އެ ކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތތުން އަމީރު ވިދާޅުވީ އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެލާއި ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމުގައެވެ.

ކޮވިޑް ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދަށަށްދާކަން އަމީރު ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެ ކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ކަމަށެވެ. އަދި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ކުރިމަތިވާ ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.