ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ގާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތައް ސްޕޮންސާ ކުރުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިފަހުމުނާމާގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލާޝިޕް އާއި އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ހާއްސަކޮށް ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކާމުން ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ، ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އިލްމީ ގާބިލް ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތް ކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ވެސް ދެކޭ ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމައުގެ ކުރި އެރުމާއި، ލާބަ އާއި މަންފާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

5