ބޮލީވުޑްގެ ލޯބި ޖޯޑު ކަމަށްވާ ބަތަލާ ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އެކްޓަރު އަންގަދު ބޭދީ ރާއްޖެއަށް އަތުވެއްޖެއެވެ.
ދެތަރިންވެސް ހޯމަ ދުވަހު ރާއްޖެ އައިސްފައިވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޑައިމަންޑް ތުނޑުފުށި މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ. ރާއްޖެ އައިސް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމަށް ހިއްސާކުރަމުން ނެހާ ބުނީ ރާއްޖެ އަކީ އޭނާގެ އެންމެ ފޭވަރިޓް ގައުމު ކަމަށާއި މި ގައުމަކީ އިރުގެ ދޯދިން ފުރިފައިވާ ރީތި ތަނެއް ކަމަށެވެ. އަދި ރާއްޖޭގައި އުޅޭއިރު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށްކަން އިހުސާސްވާ ކަމަށްވެސް އޭނާ ބުންޏެވެ.
ފިރިމީހާ އާއި ދަރިފުޅާއެކު ރާއްޖެ އައިސްފައިވާއިރު ނެހާ ބުނީ ރާއްޖެ އަކީ އޭނާ އަބަދުވެސް އަންނަން ބޭނުންވާ މަންޒިލް ކަމަށާއި ކިތަންމެ ގިނަ ފަހަރު ރާއްޖެ އައި ނަމަވެސް ހިތް ނުފުރޭ ކަމަށެވެ. ދެހާސް އަށާރަވަނަ އަހަރު ކައިވެނިކުރި ދެތަރިންގެ ދެ އަހަރުގެ އަންހެއް ކުއްޖެއްވެސް އެބަހުއްޓެވެ. ދަރިފުޅުގެ ނަމަކީ މެހެރް އެވެ.
މިދެތަރިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގެ ގިނަ ފަންނާނުންނެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި ނިމިދިޔަ ވޯލްޑް ކަޕަށްފަހު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއްވެސް ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.