ރަމަޟާން މަހަކީ އެހެން މަސްމަހާ ހިލާފަށް ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރާ މަހެކެވެ. އެގޮތުން ވެސް ބަލާއިރު ތަފާތު އާ ވައްތަރެއްގެ ކެއުމެއް ނުވަތަ ބުއިމެއް ތައްޔާރު ކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރާކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ މިލްކްޝޭކެއްގެ ރެސިޕީއެވެ.

ފަސޭހައިން ތައްޔާރުކޮށްލެވޭނެ އަދި ހަމައެހާމެ މީރު އަންނާރު މިލްކްޝޭކް ތައްޔާރުކުރަން ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 އަންނާރު
  • 1/2 ޖޯޑު ފުލް ކްރީމް މިލްކް
  • 1/2 1 މޭޒުމަތީ ސަމުސާ ހަކުރު
  • 2 މޭޒުމަތީ ސަމުސާ ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަންނާރު ފަޅާލުމަށްފަހު އޮަށްތައް ނަގާށެވެ. އަދި އަންނާރު އޮށްތައް ރަނގަޅަށް މިކްސަރު ކޮށްލާށެވެ. އެއަށްފަހު ފުލް ކްރީމް މިލްކްކޮޅާއި ހަކުރުކޮޅުގެ އިތުރުން 1 ސަމުސާ އައިސްކްރީމް އެޅުމަށްފަހު ހުރިހާ އެއްޗެއް އެކުވަންދެން ރަނގަޅަށް ގިރާލާށެވެ. ދެން އެ މިކްސްޗާ ޖޯޑަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ބާކީ ހުރި އައިސްކްރީމް ކޮޅު އަޅާލާށެވެ. އޭރުން އެހުރީ އަންނާރު މިލްކްޝޭކް ތައްޔާރުވެފައެވެ.

އަންނާރަކީ ކީރިތި ޤުރުއާނުގައި ތިން ފަހަރު އެ މޭވާއެއްގެ ނަން އައިސްފައިވާ ސުވަރުގޭގޭ މޭވާތަކުގެ ތެރެއިން ހިމެނޭ ގިނަ ގުނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ.

އަންނާރުން ލިބޭ ފައިދާތަކަށް ބަލާއިރު އަންނާރަކީ ހަށިގަނޑުގައި ޕޮޓޭސިއަމް އަދި ސޯޑިއަމް ހުންނަ މިންވަރު ދެމެހެއްޓުމަށް އެހީވެދިނުމުގެ އިތުރުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ މޭވާއެކެވެ. އަންނާރު ޖޫހުގައި ހިމެނޭ ވަރުގަދަ އެންޓި އޮކްސިޑެންޓްތަކަކީ ހަށިގަނޑު ފްރީ ރެޑިކަލްސްއިން ސަލާމަތްކޮށްދިނުމުގެ އިތުރުން ހިތުގެ ބަލިތަކާއި އަވަހަށް މުސްކުޅިވުމާއި އަދި ކެންސަރަށް މަގުފަހިވުމުން ދުރުކޮށްދޭ މާއްދާއެކެއެވެ.