ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދިން އިންޑިއަން އައިޑަލްގެ 13 ވަނަ ސީޒަންގެ ޓްރޮފީ ރިޝީ ސިންޖް އުފުލާލައިފިއެވެ.

ޝޯ ފެށުނީއްސުރެ ގިނަ ބައެއްގެ ފޭވަރިޓް ރިޝީ އެއްވަނަ މަގާމު ހޯދީ ފައިނަލުގައި ޖުމްލަ ހަ ބައިވެރިންނާ ވާދަކޮށެވެ. އައިޑަލްގެ އެއްވަނަ ރިޝީ އަށް ލިބުމާއެކު އޭނާ އަށް ވަނީ އައިޑަލްގެ ޓްރޮފީ، 25 ލައްކަ ރުޕީސްގެ އިތުރުން ކާރެއް ލިބިފައެވެ. އުމުރުން 21 އަހަރުގެ ރިޝީ ބުނީ ނަން އިއުލާންކުރުމާއެކު އޭނާގެ ލޮލުން އައި ކަރުނަތައް ނުހިފެހެއްޓުނު ކަމަށާއި މިއީ އޭނާ ކުރި ބުރަ މަސައްކަތް ކަަށެވެ. ޝޯގައި ބައިވެރިވީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ޝޯގެ ބައިވެރިއަކަށްވެ ހުރުމަށް އަޒުމުކަނޑައަޅައިގެން ކަމަށާއި ޝޯ ވެގެންދިޔައީ ހީކުރިވަރަށްވުރެ ޓަފް މުބާރާތަކަށް ކަމަށެވެ. ރިޝީ ބުނީ އެންމެ ވާދަވެރިކަމަށް ބެލެވުނީ ދެބޯޝްމިތާ ރޯއި ކަމަށާއި އެހެންވެ އުންމީދުކޮށްގެން ހުރީ ޝޯގެ ކޮންމެ ބައިވެރިއެއްވެސް އެއްވަނަ މަގާމު ކާމިޔާބުކޮށްފާނެ ކަމަށެވެ.

ރިޝީ ބުނީ ޝޯ ކާމިޔާބުކޮށްގެން ލިބުނު ރުފީސްގެ އެހީގައި އިތުރަށް މިއުޒިކްގެ ދާއިރާއިން ކިޔަވަން ގައުމުން ބޭރަށް ދާން ބޭނުންވާ ކަމަށާއި އުންމީދަކީ ކޮންމެވެސް ދުވަހަކުން މި ޝޯގެ ޖަޖުކަން ކުރުން ކަމަށެވެ. މިހާރު ދެން އެންމެ ބޭނުންވަނީ އޭނާގެ އައިޑަލް އަރިޖިތު ސިންހް އާއި ބައްދަލުކޮށްލަން ކަމަށާއި ޝޯގެ ތެރެއިންވެސް ގިނަ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ލިބުނު ކަމަށާއި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ލިބުނު ޕްރޮޖެކްޓްތައް ނިންމުން ކަމަށެވެ.

ހަތް މަސްދުވަހުގެ ނިޔަލަށް ދެމިގެން ދިޔަ މި ޝޯގެ ދެވަނަ ހޯދީ ދެބޯޝްމިތާ ރޯއީ އެވެ. އަދި ތިން ވަނަ ހޯދީ ޗިރާގް ކޮޓްވާލް އެވެ.