މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ދިވެހި ފުލުހުންނާއި ސިފައިން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން ކުރި ޕޯސްޓަކާއި ގުޅިގެން މި މައްސަލަ ބަލަން ފަށާފައި ވާއިރު އެ ޕޯސްޓުގައި ވަނީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ކަމަށާއި ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލް ކަމަށް އެތަނުގެ މުވައްޒަފުންވެސް ބުނާކަމަށެވެ. އާންމުންގެ މީހަކު ކުރި މި ޕޯސްޓާއި ގުޅިގެން ސިފައިން ވަނީ އެ ތަން ބަލާ ފާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވާއިރު ފުލުހުން މިހާރު އެ ގުދަނުގެ މައްސަލަ ބަލަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
2019 ވަނަ އަހަރު ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި މި ހާދިސާގައި ހަ ގެއަކަށް ގެއްލުންވެފައިވާއިރު އެ އަހަރު ޑިފެންސް މިނިސްޓްރީން ވަނީ ކެމިކަލާ ބެހޭ ގަވައިދެއް އެކުލަވާލާފައެވެ.
އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ބަޔާންކޮށްފައިވާއިރު މާލޭގައި ކެމިކަލް ރައްކާކުރުމަކީ މަނާކަމެކެވެ.