މިއަހަރުގެ ސެފްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރައްވާނީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކަމަށް ނިންމައިފިއެވެ.
ރިޔާސީ ޓިކެޓުގައި ޖޭޕީން ވާދަ ކުރައްބާނީ ގާސިމް ކަމަށް ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭޕީ ކައުންސިލްގެ 153 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގާސިމަކީ ކެނޑިޑޭޓު ކަމަށް ނިންމުމުގެ އިތުރުން ހުރިހާ ޝަރުތެއް ހަމަވާ ކަމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން އެ މާގާމަށް ހުށަހަޅާފައި ވަނީ ހަމައެކަނި ގާސިމްއެވެ. ޖޭޕީއިން ރިޔާސީ ރޭހަށް ނިކުންނަން ފާސްކޮށްފައި މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައެވެ.
ގާސިމް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ފަހުން ސަރުކާރު ވަޒީފާގައި ތިއްބެވި ޖޭޕީގެ ގިނަ ބޭފުޅުންތަކެއް ވަނީ ޕާޓީއިން ވަކިވެފައެވެ. މިކަމާ ގުޅިގެން ގާސިމް ވިދާޅުވެފައި ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއު ކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާ އެއްގޮތަށް ކަންކަން ހާމަކުރެވުން ރަނގަޅުވާނެ ކަމަށެވެ. އެ ގޮތުން ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީއިން ވަކިވާކަން އިއުލާން ކުރެއްވުން ކިހިނެއް ވާނެ ތޯ އައްސަވާ ގާސިމް ވަނީ ސުވާލު އުފައްދަވާފައެއެވެ.
ޖޭޕީއިން ވަކިވި މެންބަރުންނަށް ބަލާއިރު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.