ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެ އެކެއްގެ ހާލު ސީރިއަސް ވެ އޭޑީކޭގައި ފަރުވަ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގެ ޖޭއެމްސީ ސައިޓް ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރު 01:20 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށާއި އުމުރުން 56 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ބުނެއެވެ. އަދި 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓް ތައް ހިނގަމުންދާ މިންވަރު އިތުރުވަމުން ދާއިރު ދާދި ފަހުންވެސް ވަނީ މާލެ ބްރިޖް ލައިޓް ކައިރިން ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ. ބްރިޖު މަތީގައި އާންމުކޮށް އެކްސިޑެންޓްތައް ހިނގަނީ ދުއްވަން ޖެހޭ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ދުުއްވުމާއި އޯވާ ޓޭކް ކުރުން ފަދަ ކަންކަމުގެ ސަބަބުން ކަން ފާހަގަ ކުރެވެއެވެ.