އުރީދޫއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރި ވުމަށް މީގެ ކުރިން އިއުލާން ކޮށްފައިވާއިރު، މުއްދަތު ހަމަވެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައި މިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ 12:00 އަށެވެ.

އުރީދޫއިން ބުނީ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅައެއް ކަމަށާއި އެ މުބާރާތް އިންތިޒާމްކޮށްފާވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑާ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު ކަމަށެވެ.

ބަމްޕާ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް މިހާރު އުރީދޫގެ ޕޯޓަލް މެދުވެރިކޮށް މި ލިންކަށް ވަދެލައިގެން ރެޖިސްޓަރީވެވޭއިރު އެ މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫއިން ބުނީ މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ ކަމަށާއި 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފިނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުން ކަމަށެވެ. އަދި ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން 3 އޮފިޝަލުން ތިބެންޖެހޭއިރު މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެ މުބާރާތުގައި 10 މިނެޓުގެ ދެ ހާފް ކުޅޭއިރު ތިން މިނެޓުގެ ބްރޭކެއް ލިބެއެވެ. އަދި އަދި ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެއިރު ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އުރީދޫއިން ވަނީ ރަމަޟާން މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓް ކަމަށްވާ އުރީދޫ މަސްރޭސް ބާއްވާފައިވީ ނަމަވެސް ކަސްޓަމަރުނާއި ބައިވެރިންގެ އަގުހުރި ފީޑްބެކްގެ މައްޗަށް ބިނާކޮށް މަސްރޭސް މިއަހަރުގެ ރަމަޟާން މަހަށްފަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.