އިންގްލިޝް ޕްރިމިއާ ލީގުގައި ކުޅޭ ޗެލްސީއާއި ލެސްޓާ ސިޓީ އެޓީމުތަކުގެ ކޯޗުން މަގާމުން ވަކިކޮށްފިއެވެ.

މިގޮތުން، ޗެލްސީން ވަނީ މީގެ 7 މަސް ދުވަސް ކުރިން ކޯޗު ކަމަށް ހަމަޖެއްސި ގްރެހަމް ޕޮޓާ މަގާމުން ވަކިކޮށްފައެވެ. ޕޮޓާ މަގާމުން ވަކިކޮށްފައި މިވަނީ މިހަފްތާ ބަންދުގައި ޗެލްސީން އަމިއްލަ ދަނޑުގައި 0-2 އިން އެސްޓަން ވިލާގެ އަތުން ބަލިވި ނަތީޖާއަށް ފަހުއެވެ.

މިދިޔަ ސެޕްޓަމްބަރު މަހުގެ 8 ވަނަ ދުވަހު ޗެލްސީއާ ހަވާލުވި ޕޮޓާގެ ބެލުމުގެ ދަށުގައި ޗެލްސީ ކުޅުނު 31 މެޗުގެ ތެރެއިން 11 މެޗުން އެޓީމު ވަނީ ދަށްވެފައެވެ. މިސީޒަންގައި އާކުޅުންތެރިން ހޯދަން 550 މިލިއަން ޕައުންޑް ހަރަދުކުރި ޗެލްސީ މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.

ޗެލްސީން ބުނީ ޕޮޓާ ކޯޗުކަމުން ވަކިކުރަން ހިތާމަކުރާ ކަމަށާ ކްލަބުން އޭނާއަށް އަބަދުވެސް އިހްތިރާމްކުރާނެ ކަމަށެވެ.

ޗެލްސީގެ ކޯޗު ޕޮޓާ މަގާމުން ވަކިކުރި އިރު މިސީޒަންގައި އަދި މާރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ލެސްޓާ ސިޓީ ވެސް މިވަނީ އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް މަގާމުން ވަކިކޮށްފައެވެ.

ރޮޖާސް ވަނީ 2021 ވަނަ އަހަރު ލެސްޓާ އަށް އެފްއޭ ކަޕް ހޯދައިދީފައި/ފޮޓޯ: ޓުވިޓާ

2019 ވަނަ އަހަރު އެމާގަމާ ހަވާލުވި ރޮޖާސް ލެސްޓާގެ ކޯޗު ކަމުން ވަކިކޮށްފައި މިވަނީ މިހަފްތާ ބަންދުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބަލިވެ ލެސްޓާ ރެލިގޭޝަން ޒޯނަށް ވެއްޓުމުންނެވެ.

ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ރޮޖާސް ވަކިކުރަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް ކްލަބް ރެލިގޭޓް ނުވެ ލީގުގައި އަންނަ ސީޒަންގައި ވެސް އޮންނަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އަދި ސީޒަންގައި ބާކީ 10 މެޗު އޮތް އިރު މިކަން ހާސިލްވާން އޮތީ މިހާރުގެ ފޯމް ރަނގަޅުކޮށްގެން ކަމަށާއި މިކަމުގައި ކްލަބާއި ގުޅުން ހުރި ހުރިހާ ފަރާތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ލެސްޓާގެ މެނޭޖްމަންޓުން ބުންޏެވެ.

ވޭތުވެދިޔަ 4 އަހަރު ލެސްޓާއަށް ކޯޗުކަންކޮށް ދިން ރޮޖާސް ވަނީ 2021 ވަނަ އަހަރު އެޓީމަށް އެފްއޭކަޕް ތަށި ހޯދައިދީފައެވެ.

ރޮޖާސްއަކީ ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބަކުން ވަކި ކުރި ތިން ވަނަ ކޯޗެވެ. ޗެލްސީގެ އިތުރުން ޓޮޓެންހަމްއިން ވަނީ އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މިދިޔަ މަހުގެ ފަހުކޮޅު ވަކިކޮށްފައެވެ.