އީރާނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރުގާގެ މައްސަލައިގައި ހައްޔަރު ކުރި އަންހެނަކު މަރުވި ހާދިސާއަށް ފަހު ބޮޑެތި ހަމަނުޖެހުންތައް ހިނގާ މަޝްރަހު ފިނިވެފައި ވަނިކޮށް އަނެއްކާ ބުރުގާގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާންމުވެފައި ވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ބަޔަކު މީހުން ވިޔަފާރިކުރަން ވަދެ ތިބޭ ފިހާރައެއްގެ ކައުންޓަރު ކައިރިއަށް ބުރުގާ ނާޅާ ހުންނަ 2 އަންހެނަކު ދެއެވެ. ކައުންތަރު ހުންނަނީ ފިހާރައަށް ވަންނަ މައި ދޮރާ ދިމާވާގޮތަށް ކަމުން، ބޭރުން އައިސް ވަންނަ ފިރިހެނަކު އެ 2 އަންހެނުންނާ ސުވާލުތަކެއް ކުރާތަން ފެނެއެވެ. އެއާއެކު ކައުންޓަރުގެ އެއް އަރިމަތީގައި ހުންނަ ޝެލްފެއްގައި ހުރި ޔޫގަޓް ބަކެޓް (ބޮޑެތި ތަށި) އެއް ނަގާ އެ ދެ އަންހެނުންގެ ބޮލަށް ބަންޑުން ކޮށްލައެވެ.
އެވަގުތު ފިހާރައިގެ ސޭޓަކަށް ހުރި މީހާ ކުއްލިއަކަށް ނިކުމެ އެކަން ކުރި މީހާގެ މޭގައި އަޅާ ފިހާރައިން ބޭރަށް ކޮއްޕާލައެވެ. ހަމަ އެވަގުތު ފިހާރައިގައި ތިބި އެހެން މީހުންގެ ތެރެއިން ފިރިހެނުން، ބޭރަށް ނިކުމެއެވެ.
މިހާދިސާ އާ ގުޅިގެން، ފުލުހުން ވަނީ ބުރުގާ ނާޅާ އުޅުނު މައްސަލައިގައި 2 އަންހެނުން ހައްޔަރު ކޮށްފައެވެ. އަދި އާންމު މަސްލަހަތު ނަގާލި ކަމުގެ ކުށުގައި ފިރިހެން މީހާވެސް ހައްޔަރު ކުރިއެވެ.
އީރާނުގެ ގާނޫނުތައް ބުނާގޮތުން ބުރުގާ ނާޅާ އުޅުމަކީ އަންހެނުންނަށް މަނާ ކަމެކެވެ. ބުރުގާ އެޅުމާއި، ހާއްސަކޮށް އަންހެނުން ހެދުން އެޅުމާ ގުޅޭ ގޮތުން ހަރުކަށި ގާނޫނު ތަންފީޒު ކުރާ އީރާނުގައި ހެދުން އަޅާގޮތް ބަލަން މޯރަލިޓީ ޕޮލިސް ގެ ނަމުގައި ފުލުހުންގެ ފައުޖެއް ވެސް އޮވެއެވެ. އެމީހުން މަގުމަތީގައި ހަރަކާތްތެރިވާ އިރު، ހެނދުން އެޅުމުގެ އުސޫލާ ހިލާފަށް ހުންނަ އަންހެނަކު ފެނިއްޖެ ނަމަ ހައްޔަރު ކުރުމާއި އަދަބު ދިނުމާއި، ނަސޭހަތް ދިނުން ފަދަ ކަންކަން ކުރެއެވެ.
ހުސްވި އަހަރު ބުރުގާގެ މައްސަލައިގައި މަރުވި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މައްސަލަ ފެންމަތިވުމާއެކު އީރާނާއި ދުނިޔޭގެ 150 އަށް ވުރެ ގިނަ ސިޓީތަކުގައި މުޒާހަރާތައް ވަނީ ކޮށްފައެވެ. އީރާނުގެ އެކި ސިޓީތަކުގައިވެސް މުޒާހަރާތައް ކޮށްފައި ވާއިރު ފުލުހުންނާއި އާންމުންގެ ކުރިމަތިލުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެސް ވެއެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 3000 އެއްހާ މީހުންގެ ތެރެއިން 5 މީހަކަށް މަރުގެ އަދަބު ދީ މަރާލާފައިވެސް ވެއެވެ. މަރުވި މީހުންނަކީ މުޒާހަރާގައި ފުލުހުންނަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވި ފިރިހެނުންނެވެ.