ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަރާބަރަށް ކުލި ދައްކަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން "ޕޭ އެންޑް ވިން" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

އާބަންކޯއިން ބުނީ އަލަށް ލޯންޗް ކުރި "ޕޭ އެންޑް ވިން" ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމާއެކު ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.

މި ގޮތުން އެ ކުންފުނިން ތައާރްފަކުރި "ޕޭ އެންޑް ވިން" ޕްރޮގްރާމަކީ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. އާބަންކޯއިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވެވެނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއު ޕޭމެންޓެއް ނެތް ފަރާތްތަކަށްކަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވާޑިއުވެފައިވާ ކަން ފާހަގަކޮށް އާބަންކޯ އިން ބުނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދާ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރާކަމަށެވެ. މި ގޮތުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވައިދުން ކުލި ދައްކައިފިނަމަ މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

މީގެކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ހިންގަމުން ދިޔަ އެކުންފުންޏަށް އިއްޔެ 22 އަހަރު ފުރިފައިވާއިރު ކުންފުނީގެ ނަން ވަނީ 'އާބަންކޯ'އަށް ރީބްރޭންޑްކޮށްފައެވެ.