މިދިޔަ މަހުގެ 19 ވަނަ ދުވަހާއި ހިސާބުން އިންގްލިޝް ޕްރިމިއާ ލީގުގެ ކުޅުން ބައިނަލްއަޤްވާމީ މެޗުތަކަށް މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު އަލުން ފަށާ އިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާއި ލިވަޕޫލެވެ.

ވޭވެދިޔަ ދެތިން ސީޒަންގައި އެންމެ ވާދަވެރި އަދި ފޯރިގަދަ މެޗުތައް ކުޅެފައިވާ މިދެޓީމު މިއަދު ބައްދަލުކުރާނީ ސިޓީގެ ދަނޑުގައެވެ. މިސީޒަންގެ ކުރީކޮޅު ލިވަޕޫލްގެ ދަނޑުގައި ވާދަކުރި މެޗު 1-0 އަކުން ލިވަޕޫލް ކާމިޔާބުކުރި އިރު އެމެޗުގައި ސިޓީގެ ކޮޅަށް ލަނޑު ޖެހީ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހެވެ.

މިއަދުގެ މެޗަށް ދެ ޓީމު ނިކުންނަ އިރު ރަނގަޅު ފޯމެއްގައި އޮތީ ސިޓީންނެވެ. މިގޮތުން ސިޓީން އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެފައިވާ އިރު ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ދަށްވެފައެވެ. ސިޓީ މިވަގުތު އޮތީ 61 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އާސަނަލްއަށް 69 ޕޮއިންޓް ލިބިފައިވާ އިރު މި މެޗުން ސިޓީ ދަށްވެއްޖެނަމަ ދެ ޓީމުގެ ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު އާސަނަލްއަށް ލިބޭނެއެވެ.

މި ސީޒަންގައި އަލަށް ސިޓީއާ ގުޅުނު ހާލަންޑް/ފޮޓޯ: ސިޓީ ޓުވިޓާ

އެހެންކަމުން، މި މެޗަށް ސިޓީގެ ލީޑިންގް ސްކޯރާ އާލިންގް ހާލަންޑް އަރުވާނެ ކަމަށް ބެލެވެއެވެ. މިދިޔަ އިންޓަނޭޝަންލް ބްރޭކްގައި އަނިޔާގައި ހުރި ހާލެންޑް މިއަދުގެ މެޗަށް އެރުވާވުމާމެދު ގޮތެއް ނިންމާނީ ހުކުރު ދުވަހުގެ ފަރިތަކުރުންތަކަށް ފަހު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފައެވެ.

މިސީޒަންގައި އަލަށް ސިޓީއާ ގުޅުނު ހާލަންޑް ވަނީ ލީގުގައި ކުޅުނު 26 މެޗުގައި 28 ލަނޑު ޖަހާ ދީފައެވެ.

މިސީޒަންގައި ޖެހިޖެހިގެން ދެތިން މެޗެއްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ލިވަޕޫލަށް މިހާތަނަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. ތާވަލުގެ 6 ވަނައިގައި އެޓީމު އޮތް އިރު ގަދަ ހަތަރަށް އެރުމަށް ލީގުގައި ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވުން އެޓީމަށް މުހިންމުވާނެއެވެ.

ސިޓީއާއި ލިވަޕޫލް ކުޅޭ މެޗު އޮތީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:30 ގައެވެ.