އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުން ތަމްސީލްކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ މިއަދު ހުޅުވާލާފައެވެ.

އެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު އީމެއިލް ނުވަތަ އެ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އެ ފޯމް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10 ނިޔަލަށް ކަމަށްވާއިރު އެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ވަނީ ބާރުއަޅުއްވާފައވެެ.

އެސްޓީއޯއިން ބުނީ އެ އިއުލާނާއެކު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުން ނޮމިނޭޓްކޮށްދެއްވުމަށް އެދި ޕީސީބީއަށްވެސް މިއަދު ނޯޓިސް ހުށަހަޅާފައިވާ ކަމަށެވެ.