ފިޔާ ވަހަކީ ވަރަށް އުނދަގޫ ވަހެކެވެ. ފިޔާ ނޮޅައި، ކޮށައި އަތާއި ލައިގެން ހުންނަ ހެދުމުގައި ވަސް ހިފުމުގެ އިތުރަށް ލޮލަށް ވެސް އެހާ އުނދަގޫވެއެވެ. އެހެންނަމަވެސް ކާއެއްޗެހީގެ ތެރޭގައި ފިޔާ ނެތުމަކީ ރަހަ އެއްގޮތަކަށްވެސް ކަމުނުދާ ވަރުގެ އުނިކަމެކެވެ. ފިޔަޔަކީ ޒަމާނުންސުރެ ކާއެއްޗެހީގައި މީރު ރަހަ ލެއްވުމަށް ބޭނުން ކުރާއެއްޗެކެވެ. ދިވެހިންގެ ހުރިހާ ކެއުމަކަށް ހެން ފިޔާ ބޭނުން ކުރެއެވެ. ކޮންމެ ބަދިގެއަކަށް ވެސް އެންމެ މުހިއްމު އެއްޗެހީގެ ލިސްޓުގެ އެންމެ ކުރީގައި ފިޔާ ހިމެނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ފިޔާ އަކީ ސިއްހީގޮތުން ވަރަށް ގިނަ ފައިދާތައް ހިމެނޭ އެއްޗެކެވެ. މިގޮތުން ފިޔާ އަކީ ކެލަރީ މަދު އަދި ވިޓަމިންއާއި މިނެރަލްސް ގިނަ އެއްޗެކެވެ. ފިޔާގައި ހިމެނޭ ވިޓަމިންގެ ބާވަތްތަކަކީ މީހާގެ ދިފާއީ ނިޒާމު ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ފިޔާގެ ފައިދާ ދެއްކުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް

ފިޔައަކީ ”ކުވާސިޓިން“ އިން މުއްސަދި ބާވަތެކެވެ. ކުވާސިޓިން އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. ކުވާސިޓިން އަކީ ލޭދިޔާކޮށްދީ، ލޭގެ ސަރުބީދަށްކޮށްދީ، ލޭގައި ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދީ، ގަނޑުލޭކޮޅު އުފެދުން ކުޑަކޮށްދީ، ނޭވާހިއްލުމާއި، ނޭވާލާނިޒާމުގެ އުދަނގޫތައް ލުއިކޮށްދީ، ހަކުރު ބަލީގެ އުދަނގޫތައް ލުއިކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ރޮގާއަށް ވެސް ހައްލެއް:

ރޯގާ ޖެހުމުން އެއްޗެއް ކާން ބޭނުން ނުވެދާނެއެވެ. އެއްޗެހީގައި ބޭނުންވާ ރަހަ ނުލާފާނެއެވެ. ނަމަވެސް ރޯގާޖެހުމުން ފިޔާ ކެއުން އިތުރުކޮށްލުމުން ރޯގާ ފަސޭހަވާލެއް އަވަސް ވާނެއެވެ. މިގޮތުން ބަތް ކާއިރު ނޫނީ ރޮށި ކާއިރު ރޯ ފިޔާ ކެވިދާނެއެވެ. ނުވަތަ ކާ ގަޑިތަކުގައި ފިޔާ ސެލެޑް ކެވިދާނެއެވެ.

ފިޔާތަކެއް ކޮށާފައި

ފިޔާގެ ދިޔައިން ވެސް އެތައް ކަމެއް:

ސޫފި ދަތް އެޅުމުން ވާއުނދަގުލުން ސަލާމަތްވުމަށްވެސް ސޫފި ދަތް އެޅިތަނުގައި ފިޔާ ދިޔަ އުނގުޅުމުން އުނދަގޫ ކުޑަކޮށްދޭނެއެވެ. މީގެ އިތުރުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ކުދި ޒަހަމްތަކަށް ވެސް ފިޔައަކީ އަވަސް ފަރުވާއެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ގައިގެ ހަންގަނޑު ފިހުމުން ވެސް މިއީ ކުރެވިދާނެ އަވަސް ފަރުވާއެއް ކަމަށް ދިިރާސާތަކުން ދައްކައެވެ.

ފިޔާގެ ފައިދާ ދެއްކުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް

ހަންގަނޑަށާއި ފުރިހަމަ އިސްތަށިގަނޑަކަށް ވެސް ފިޔާ ވަރެއް ނެތް:

ފިޔާގެ ދިޔައަކީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދީ ރީތި އިސްތަށިގަނޑެއް ލިބިގަތުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން ފިޔާއަކީ އެންޓި އޮކްސިޑަންޓްސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށްވުމުން އިރުގެ ދޯދިތަކުންނާއި ތިމާވެށިން އިސްތަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ.

މީގެ އިތުރުން ފިޔައަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފޭބުން މަދުކުރުމަށް އެހީވެދޭ މާއްދާއެއް ކަމަށްވާ ސަލްފާ މުއްސަނދި އެއްޗެއްކަމުން ފިޔާގެ ދިޔަ އިސްތަށިތަކުގެ ބުޑުގައި އުނގުމަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭނެ ކަމެކެވެ.

ފިޔާ ބޭނުންކޮށްގެން މޫނުގެ ހަންގަނޑަށް ދެވޭ ފަރުވާތައްވެސް މަދެއް ނޫނެވެ. ފިޔާގައި ހިމެނޭ ވިޓަމިން އޭ، އީ އަދި ސީގެ އިތުރުން އެންޓިއޮކްސިޑެންޓްސް އާއި ސަލްފާގެ ސަބަބުން ހަމަށް ތާޒާކަމާއި އުޖާލާކަން ގެނެސް، ކުދި ރޫ ޖެހުމާއި ހަންގަނޑު ދޫވުން ކަހަލަ ކަންތަކުން ރައްކާތެރިކޮށްދެއެވެ.

ފިޔާއަކީ ތަފާތު އެތައް ގޮތްގޮތަށް ބެލިކަމުގައިވިޔަސް އޭގެއިން ވަރަށްގިނަ ފައިދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެތަށް ބަލިތަކަށް ފަރުވާއެއްގެގޮތުގައި ބޭނުންކުރަމުންދާ އެއްޗެއް. ސިއްހަތަށާއި ޒީނަތްތެރިވުމަށް ވެސް ނުހަނު ރަނގަޅު ފައިދާހުރި އެއްޗަކަށް ފިޔާ ވާއިރު އޭގައި މީރު ވަހެއް ހުރުން ލާޒިމެއް ނޫނެވެ.