ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ދަރިވަރުން ކިޔަވާ ކޯހުގެ މުއްދަތަށް، ދިގު މުއްދަތުގެ ވިސާ ދޫކުރާނީ ބަންގްލަދޭޝް ސަރުކާރުން ގަބޫލުކުރާ ތައުލީމީ މުއައްސަސާތަކުން ކިޔަވާ ދަރިވަރުންނަށާއި އިންޓާންޝިޕްތަކުގެ ދަށުން އެގައުމުގައި މަސައްކަތްކުރާ ދިވެހި ދަރިވަރުންނަށް ކަމަށެވެ.

މި ނިންމުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޫމިން އަށް ޝުކުރު ދަންނަވާފައެވެ.

ބަންގްލަދޭޝްގައި ގިނަ އަދަދެެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ އިރު އޭގެ ތެރޭގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުން އަދި އިންޖިނިއަރިން ފަދަ ދާއިރާތައް ހިމެނެއެވެ.

އެ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ހަމަޖައްސައިދޭން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވެއެވެ.