ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ނިންމަވައިފިއެވެ.

ރައީސާއި އުއްޗު މިއަދު ބައްދަލުކުރައްވާފައި ވަނީ އުއްޗު ގެންގުޅުއްވާ ރަށެއް ކަމަށްވާ ގަމަރުގިރީގައެވެ. ރައީސާއި އަނބިކަނބަލުން ފަޒްނާ އަހްމަދު އެ ރަށަށް ވަޑައިގެންނެވީ އުއްޗު ދެއްވާ ރޯދަވީއްލުމަކަށެވެ. އެ ރޯދަވީއްލުމުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އުއްޗު އާއި ރައީސް މަޝްވަރާކުރައްވައި ވާހަކަ ދައްކަވަނީ ---

ރައީސްގެ ދެކަނބަލުންނަށް ދެއްވި ރޯދަވީއްލުމުގެ ކުރިން، އުއްޗު ވަނީ "އިބޫ 23" ޖަހާފައިވާ ޖާޒީ އެއް ރައީސަށް އަރުވައިފައެވެ.

އުއްޗު އާ ބައްދަލުކުރެއްވުމަށް މީގެ ކުރިން އެކި ފަހަރު މަތިން ރައީސްގެ މަންދޫބުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ވަޑައިގެންފައިވެއެވެ.

ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ރައީސަށް ތާއީދުކުރައްވަން ނިންމެވިކަން އުއްޗު ހާމަކުރައްވާފައި ވަނީ، މިހާރު އޮތް ކޯލިޝަނާ ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައި، އެ ޕާޓީގެ ފަރާތުން ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައި ވަނިކޮށެވެ.

އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އެވެ.