މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށް މިދިޔަ އަހަރު ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފިއެވެ.

އެގޮތުން މިހާރު ހިތަދޫގައި 13745 މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން 2675 މީހަކު ބިދޭސީއިން ކަމަށްވާއިރު އެންމެ މަދު ބަޔަކު ދިރިއުޅެމުން އަންނަ ވ. ރަކީދޫގައި ދިރިއުޅެމުން އަންނަނީ 14 ބިދޭސީންނާއި 63 ދިވެއްސެކެވެ.

ހިތަދޫގެ އިތުރުން ރާއްޖޭގައި އެންމެ އާބާދީ ގިނަ ރަށްތަކަށް ބަލާއިރު ކުޅުދުއްފުށި ސިޓީއާއި ފުވައްމުލަކު ސިޓީއާއި ގދ. ތިނަދޫއާއި ޅ. ނައިފަރާއި ލ. ގަމާއި ކ. މާފުއްޓާއި އައްޑޫ ފޭދޫއާއި ހއ. ދިއްދޫގެ އިތުރުން ރ. ދުވާފަރު ހިމެނެއެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅެމުންދަނީ އައްޑޫ ސިޓީގައި ކަމަށްވާއިރު އެ ސިޓީގައި 25،053 މީހުން ދިރިއުޅެއެވެ. ދެވަނައަށް އެންމެ ގިނަ މިހުން ދިރިއުޅެނީ ހދ. އަތޮޅުގައެވެ. އެއީ 22،634 މީހުންނެވެ. އެ ލިސްޓުގެ ތިން ވަނަައިގައި އޮތީ ރ. އަތޮޅެވެ. އެ އަތޮޅުގައި 17،565 މީހުން ދިރިއުޅެމުންދާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަކީދޫގެ އިތުރުން އެންމެ މީހުން މަދުން ދިރިއުޅެމުން އަންނަ 10 ރަށުގެ ލިސްޓުގައި ހިމެނެނީ މ. ވޭވަށާއި ރަތްމަންދޫއާއި ހދ. ހިރިމަރަދޫއާއި ހއ. މުޅަދޫއާއި ތަކަންދޫއާއި ވ. ތިނަދޫއާއި ބ. ފެހެންދޫއާއި ލ. މުންޑޫ އަދި އދ. ދިއްދޫއެވެ.

ރާއްޖޭގައި އެންމެ މީހުން މަދު އަތޮޅަކީ ވ. އަތޮޅު ކަމަށްވާއިރު އެ އަތޮޅުގައި ދިރިއުޅެނީ 1،995 މީހެކެވެ. އަދި ފ. އަތޮޅަކީ ދެވަނަ އަށް އެންމެ މީހުން މަދު އަތޮޅަށްވާއިރު އެ އަތޮޅުގައި ދިރިއުޅެނީ 4،858 މީހެކެވެ. ތިން ވަނައަށް އެންމެ މީހުން މަދު އަތޮޅަކީ މ. އަތޮޅެވެ. އެ އަތޮޅުގައި ދިރިއުޅޭނީ 5،471 މީހެކެވެ.