ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ ފުރުސަތު ހަމަވުމާ ގާތްވެފައިވާއިރު އަދިވެސް އެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.
މާދަމާ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާއިރު ޖޭޕީއިން ރިޔާސީ ރޭހަށް ނިކުންނަން ފާސްކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައެވެ.
މިހާރު އޮތް ސަރުކާރު ކޯލިޝަނާ ވަކިން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި، ކޯލިޝަނެއްގެ ގޮތުގައި ދެމިއޮތުމަށް ރައީސް ދައުވަތު ދެއްވާފައި ވަނިކޮށެވެ. މި މަހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގައި ގާސިމް އާއި ރައީސް ސޯލިހުވަނީ ބައްދަލުކުރައްވާފައެވެ.
އިންތިހާބަށް ކުރިމަތިލާނެ ފަރާތެއް އަދި ޔަގީންވެފައި ނުވީ ނަމަވެސް އިންހާބުގެ ކެމްޕެއިން އެ ޕާޓީއިން އެބަ ކުރިއަށްގެންދެއެވެ. އެގޮތުން އިންތިހާބާ ގުޅުންހުރި ކަންކަމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާ ހަވާލުކޮށްފައިވާ ކަމަށާއި ޕާޓީގެ ގުނަވަންތަކުން އަމީނަށް އެއްބާރުލުން ދިނުމަށް ގާސިމް އެދިވަޑައިގެންފައިވެއެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.