ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަގްބޫލު ބަތަލާ އައިޝަތު ރިޝްމީގެ "ޔާރާ" އަންނަ މަހު ބައިސްކޯފަށް ދޫކޮށްލަން ނިންމައިފިއެވެ.

އަންނަ މަހު ގެނެސްދޭ މި ސީރީޒަކީ ބޮޑު ކާސްޓަކާއެކު ރިޝްމީގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ސީރީޒެކެވެ. އަންނަ މަހު މި ސީރީޒް ގެންނަކަން އިއުލާންކުރި ނަމަވެސް ވަކި ތާރީހެއް އަދި ހާމަކޮށްފައެއްނުވެއެވެ. "ޔާރާ" ސީރީޒުން ފެނިގެންދާނެ ތަރިންނަކީ ރިޝްމީ، ރިޝްމީގެ ކުރީގެ ފިރިމީހާ އެކްޓަރު އަހުމަދު އަޒުމީލު (އަޒޭ)، މަރިޔަމް އައްޒަ (އައްޒަ)، އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ)، އަބްދުﷲ މުއާޒް (މުއާ)، އައިޝަތު ރަޝީދާ، އާމިނަތު ރިޝްފާ، ލަމްހާ ލަތީފް، އަހުމަދު އާސިމް، ފާތިމަތު ޝަރާ، ޝާރިފު އަހްމަދު، ނުޒުހަތު ޝުއައުބު އަދި ނަތާޝާ ޖަލީލް އެވެ.

"ޔާރާ" ވެބް ސީރީޒްގެ ޓީޒާ ކޮޅެއް އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވާއިރު މި ސީރީޒަކީ ހުރިހާ ރަހައެއް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. ޔާރާ އާއިލާ ސީރީޒުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ މި ސީރީޒަކީ ބެލުންތެރިންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށް ގެނެސްދޭ ސީރީޒެކެވެ. ބަތަލާ ރިޝްމީ އެންމެ ފަހުން ފެނިގެންދިޔައީ ބައިސްކޯފުން ދެއްކި ސީރީޒް "އެހެނަސް" އިންނެވެ. އެ ފިލްމުގައި ރިޝްމީ ކުޅުނު ޝާއިރާގެ ރޯލަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެއެވެ. އޭނާ އެންމެފަހު ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބޮސް" އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ފިލްމު "ވިޝްކާ" އިން ރިޝްމީ އަށް ވަނީ ލިބިފައެވެ.