ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާ ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް މިފަދައިން ގޮވާލައްވާފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމް ކުރައްވައިގެން ބޭއްވެވި "ސަމިޓް ފޯ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.
ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކޮށް، ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާ ކަމުގައެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕާފޯމަންސް ބޭސްޓް ބަޖެޓިންއާ ދިމާއަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުޑިޝަރީ އިސްލާހުކުރުމަށް ވެސް ސަރުކާރުން ވަރަށް އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސާކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމުގެ އިތުރުން ޝަރްއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކޮށްފައިވާ ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެއާއެކު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވަކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރަށް ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މިދިޔަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމުގައެވެ.
މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމައަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން އެކުލަވާލި ޖަމްއިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދިނުމާއި މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އެގޮތުން އެންޖީއޯ ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްއިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ހޯދުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.