ޅ. ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއުޅެންފެށި 100 ހައުސިން ޔުނިޓަށް އެކަށީގެންވާ ގޮތަށް ފެން ފޯރުކޮށްދެވިފައި ނުވުމަކީ މި ސަރުކާރުގެ އިހުމާލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުނެވެ. އެގޮތުން ނާޒިމް ވަނީ އެތަން ޑިޒައިން ކުރެވިފައިވާ ގޮތުން އެމީހުންނަށް ކޮންމެހެންވެސް ސަޕްލައިފެނުގެ ހިދުމަތް ލިބެންޖެހޭ ކަމަށާއި ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ މިއަދު ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

ޕްލޭނިން މިނިސްޓްރީއާ އެމްޑަބްލިއު އެސްސީ އަދި ފެނަކައިން ދަނީ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އެ މައްސަލަ އަޅުވަމުންދާކަން ފާހަގަކުރައްވާ ނާޒިމް ވަނީ އެ މައްސަލަ އަވަހަށް ހައްލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ނާޒިމް ވިދާޅުވީ ނައިފަރުގައި ބެހެއްޓިފައިވާ ފެން ޕްލާންޓް ތަކަކީ އެރަށުގެ ބޮޑު އާބާދީއާ އެކަށީގެވާ މިންވަރަށްވުރެ ކެޕޭސިޓީ ދަށް ޕްލާންޓްތަކެއް ކަމަށާއި ފެނުގެ ނިޒާމްގެ ބައެއް ކަންކަން ފުރިހަމަ ނުވެ ހުރިކަން ކަމަށެވެ. އަދި ފެނުން ވަހާއި ރަހަ ކަނޑުވާލާ ނިޒާމް އިންސްޓޯލްކޮށްފައި ނެތް ކަމަށާއި ކިސަޑާ ވެލި ވަކިކޮށް ފެން ސާފުކުރަން ހުންނަ ނިޒާމްގެ ބައެއް ބައިތައް ނެތުމުން ޕްލާންޓުގެ ބައެއް ބައިތައް އަވަހަށް ބެދި ހަލާކުވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނައިފަރުގެ ނަރުދަމާ ނިޒާމްގައިވެސް ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެގޮތުން ހޮޅި ލައިންތައް އަޅާފައިވާއިރު އެ ހޮޅިތައް ފުރިހަމައަށް ނާޅައި ހުރުމުން، އެކަން ފުރިހަމަނުވެ އަލުން އެ މަސައްކަތް ފުރިހަމަ ކުރަންޖެހިފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.